ދައުލަތުގެ ދަރަންޏާ ބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިއީ ދައުލަތުގެ ނަމުގައި ދަރަނި ނެގުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ގުޅޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކޮށްގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުވުން ހިމެނެއެވެ.
ބިލުގައިވާ ގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ ޕަބްލިކް ފައިނޭންޝަލް ކޯޕަރޭޝަންތަކާއި މަރުކަޒީ ބޭންކް ފިޔަވައި، ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ދަރަންޏާ ގުޅޭ އެންމެހާ ކަންކަން ކުރުމުގެ ބާރު ލިބިގެން ވަނީ މިނިސްޓަރަށެވެ.
ނަމަވެސް މިނިސްޓަރު ދަރަންޏެއް ނަގަންވާނީ އިގުތިސޯދީ ތަރައްގީއަށް ނުވަތަ އާންމު މަސްލަހަތަށް ނުވަތަ ރައްޔިތުންގެ މަންފާ އާއި ފައިދާއަށް ރިއާޔަތްކޮށް، މި ގާނޫނުގައި ބަޔާންކުރާ ބޭނުންތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ދައުލަތުން ދަރަނި ނެގުމުގައި ނުވަތަ ސޮވްރިން ގެރެންޓީ ދިނުމުގައި ދައުލަތުން ރަހުނެއް ބަހައްޓައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ވަނީ، ކުރިއަށް އޮތް މާލީ އަހަރު ފެށުމުގެ 90 ދުވަސް ކުރިން، ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވާލައި، މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައެވެ.
އެ ޕްލޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ ޕްލޭން މިނިސްޓަރު އާންމުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ ދަރަނި ހަރުދަނާ އުސޫލުތަކެއްގެ މަތިން އަދާކުރަމުން، ބަލަހައްޓަމުން ގެންދިޔުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ސްޓްރެޓަޖީ ނުވަތަ ސްޓްރެޓަޖީގެ އަދާހަމަ ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކުރަންޖެހޭ ކަންކަން ކުރުމަށާއި ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއް އުފައްދަންވާނެ ކަމަށް ބުނެފައިވެއެވެ.
މި ގާނޫނުގެ ދަށުން ދައުލަތުން ނަގާފައިވާ ދަރަންޏާއި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީތަކާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ޓްރެޒަރީ ލޯނާއި ސަބްސިޑިއަރީ ލޯނާ ބެހޭ މައުލޫމާތު ރެކޯޑުކުރުމާއި ބެލެހެއްޓުމާއި ރިޕޯޓުކުރުން، އެ ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައި ސަރުކާރުން ސޮވްރިން ގެރެންޓީ ދޭނެ ގޮތްތައް ވެސް ވަނީ ހިމަނައިފައެވެ. އަދި ލޯކަލް ކައުންސިސްތަކުން ދަރަނި ނެގުމާ ބެހޭ ބައިތައްވެސް ވަނީ ހިމަނައިފައެވެ.
ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ، އެ ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ.