ޚަބަރު

ޒަކިއްޔާގެ މަރު: ވަޅީގެ ފިންގާ ޕްރިންޓުގެ ނަތީޖާ އަދި ނުލިބޭ، އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވޭ!

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ގައި ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގެ ފިންގާ ޕްރިންޓުގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޒަކިއްޔާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ހޮޅުދޫގެ ރައްތިތުން އިހުތިޖާޖުކުރި ފަހުން، ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، ޒަކިއްޔާގެ ކަރުގައި ފަސް ޒަހަމެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފުން ޒަހަމްތައްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ކަރުގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއް ހުރި އިރު، ކަރުގެ މެދާ ހަމައިގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް ސާމިހު ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ، ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ތަނުގައި އޮތް ވަޅިއަކީ، އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށާއި އޭގައި ހުރި ލެޔަކީ ޒަކިއްޔާގެ ލޭ ކަމަށެވެ.

"ވަޅީގެ ފިންގާ ޕްރިންޓުގެ ނަތީޖާ އަދި ނުލިބޭ. ނަމަވެސް އޭގައި ހުރީިި ޒަކިއްޔާގެ ލޭ،" ސާމިހު ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ، ސީސީޓީވީ ފޫޓޭޖުންނާއި ތަހުގީގަށް މިހާރު ލިބިފައި ހުރި ބަޔާންތަކުން ޒަކިއްޔާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލޭ ކަމަށާއި ނަމަވެސް ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ.

ސާމިހު ވިދާޅުވީ، ޒަކިއްޔާ މަރުވީ ކަރަށް ލިބިފައި ހުރި ޒަހަމްތަކުން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ނާރެއް ވަނީ ބުރިވެފައެވެ. އަދި އޭނާގެ ކަރުގައި ހުރީ ވަޅި އަޅާފައި ހުރިކަމުގެ ނިޝާންތަކެކެވެ.

"ހެސިޓޭޝަން މާކްތައް ހުރި، ވަޅި ކާއްތާފައި ހުރި ކަހަލަގެ ނިޝާންތައް،" ސާމިހު ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހެކެވެ. އެކަން ފުލުހުންވެސް "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.