ޚަބަރު

ޖިހާދުގެ މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި

މުހައްމަދު އިޝާން

މި ސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ އަލުން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކޮށްފައި ނުވާތީ، އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓާ ނިންމެވީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ހައި ކޯޓުގެ ރަޖިސްޓާގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ އޮކްޓޫބަރު މަހުގެ 30 ގައެވެ. އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓާ ނިންމެވީ އެ މަހުގެ 28 ގައެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެ މައްސަލައާ މެދު ގޮތެއް ނިންމެވީ މިދިޔަ މަހުގެ 28 ގައެވެ.

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު މައްސަލަ ނިންމެވި ގޮތުގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި އެޑްރެސް ސާފުކޮށް އަލުން ހުށަހަޅައިފައިވާތީ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށެވެ.

"ދެ ދުވަހުގެ ލަސްވުމެއް އޮތް ނަމަވެސް، އެއީ ބޭކާރު ލަސްވުމެއް ކަމުގައި ބެލެވެން ނެތަތީ، ރަޖިސްޓްރާގެ ނިންމުން ނިންމުން ރަނގަޅު ނޫންކަމުގައި ދެކެމެވެ،" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

އެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދު ކުރައްވައިފައެއް ނުވެއެވެ. ފަނޑިޔާރު ދީބާނާޒް ތާއީދު ކުރެއްވީ ފަނޑިޔާރު ހުޒައިފާގެ ރައުޔަށެވެ.

ފަނޑިޔާރު ހުޒައިފާ ރައުޔުގައި ވިދާޅުވީ ދައުލަތުން މި މައްސަލައިގައި ބަޔާންކޮށްފައިވަނީ މިއީ ރަޖިސްޓާގެ ނިންމުން މުރާޖާއާކުރުމަށް އެދި ހުށަހެޅުމާ މުޅިން ތަފާތު އިޖުރާއަތެއް ކަމަށާއި ދައުލަތުން އެގޮތަށް ވިދާޅުވީ ރަޖިސްޓާގެ ނިންމުން މުރާޖާއާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ހަވާލާދީފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) އަށް ކަމަށެވެ. އެ މާއްދާތަކަކީ އިސްތިއުނާފު ކުރުމުގެ މުއްދަތު ފާއިތުވުމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާ ހާލަތްތައް ބަޔާންކުރާ މާއްދާތައް ކަމަށް ދައުލަތުން ވިދާޅުވި ކަަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒައިފާ ވިދާޅުވީ އެ ދެ އިޖުރާއަތަކީ މަސްހުނު ނުކުރެވޭނެ ދެ އިޖުރާއަތެއް ކަމަށާއި ހައި ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މި މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، އެ މަގު އިހުތިޔާރު ނުކުރި ބިނާއެއް ރަޖިސްޓާގެ ނިންމުން މުރާޖާއާ ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ސާފެއް ނޫން ކަމަށެވެ.

ހައި ކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގައިވާ އިޖުރާއަތްތަކަކީ އަސާސެއް ނެތް ހަމައެކަނި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް ކަމަށް ހުށަހެޅުމުން، ހައި ކޯޓަށް މުއްދަތުގެ ތެރެއިގައި ހުށަހަޅާ މައްސަލަ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރުމުގެ އިޖުރާއަތްތަކަކީ ދެ އިޖުރާއަތެއް ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

މުއްދަތު ފަހަނައަޅައި ދިޔުމަށްފަހު މައްސަލައެއް ހުށަހަޅަންވާނީ ހައި ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ކަނޑައަޅައި، އެ އިޖުރާއަތާ ހިލާފަށް ހުށަހަޅައިފައިވާ މައްސަލަތައް ކުރިން ބާތިލުކޮށްފައިވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ. އެހެންކަމުން ހައި ކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އިސްތިއުނާފީ މުއްދަތުގެ ތެރެއިގައި ހުށަހަޅާ މައްސަލަ އާއި އެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްތިއުނާފަކީ މަސްހުނި ނުކުރެވޭނެ ތަފާތު ދެ އިޖުރާއަތުކަން ދައުލަތަށް އޮޅެންވީ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެހެންވެ ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް އެ ކޯޓުގެ ނިންމުމުގައި އޮތް މުއްދަތު ފާއިތުވި ފަހުން، އިސްތިއުނާފަށް ހުށަހެޅުމުން މުއްދަތަށް ހުށަހަޅައިފައި ނުވާ ކަމަށް ބަލައި، އިސްތިއުނާފު ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމުމުން، އެ ނިންމުން މުރާޖާއާ ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ ސަބަބަށް ބިނާކޮށް، އެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެހެންވެ ހައި ކޯޓުގެ އަޣުލަބިއްޔަތުން ނިންމީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.