ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅަކާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން އަދި ވަކިގޮތަކަށް ނިންމާފައި ނުވާ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ އެއްބަސްވުމުގައިވާ ގޮތުން، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގެންނަންޖެހޭނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އެ ޕާޓީން ކުރިން ގެންދިޔައީ ވަކާލާތުކުރަމުންނެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީ މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަ ދައްކަންޖެހޭ ޖާގައެއްގައި ނޫން ކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު އެމްޑީޕީއަށް ވަނީ މެޖޯރިޓީ ލިބިފައި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގައި ކުރިއަށްދާ ކޮންމެ ކަމެއްގައި އެ ޕާޓީން ތާއީދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ވަކި ޑައިރެކްޓިވްއެއް އަދި ވަކިގޮތަކަށް އައިސްފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާގޮތުން އަޅުގަނޑުމެން މިތިބީ ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި. އެހެންވީމާ އެމަނިކުފާނުގެ މޭސްތިރިކަމުގައި ކުރިއަށްދާ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ތާއީދުކުރާނަން،" އޭނާ ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ސަރުކާރު ހިންގުމަށްޓަކައި އެމްޑީޕީން ބޭނުންވި އަދި އެ ޕާޓީން ވަކާލާތުކުރި މެޖޯރިޓީ ލިބިފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ގެނައުމަށްޓަކައި އެމްޑީޕީގެ ތެރޭގައި ވާދަވެރިކަމާއެކު ކުރާ މަސައްކަތަށް ފާޑުކިޔުމެއް ނެތް ކަމަށެވެ.
"އެބޭފުޅުންގެ ތެރޭގައި އިންތިހާބު ކުރެވެންދެން ކުރިއަށްދާ ކޮންމެ ކަމެއް އެބޭފުޅުންގެ ތެރޭގައި ކުރިއަށްދާނެ. އަޅުގަނޑުމެން ވަކި ގޮތަކަށް، ވަކި އެއްޗެއް ބުނާކަށް މިވަގުތު ނެތިން،" އޭނާ ވިދާޅުވިއެވެ.
އަލީ ސޯލިހު އިތުރަށް ވިދާޅުވީ ޖޭޕީ އޮތީ ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި ރައީސް ސޯލިހު ކުރައްވާ މަސައްކަތުގެ ފަހަތުގައި ކަމަށެވެ.