ޚަބަރު

އާބަން ސަރަހައްދުތައް ކަނޑައަޅައި އެ ތަންތަން ހިންގުމުގެ ބާރު އޮތޯރިޓީއަށް ދޭ ބިލު ތަސްދީގުކޮށްފި

އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު މަޖިލީހަށް ހުށަހެޅި އެ ބިލު ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ ބިލު ހުށަހެޅީ ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކޮށް، އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން ސިޓީ ހިމެނޭ ގޮތުން ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 150،000 އަށްވުރެ ބޮޑު ސަހަހައްދުތަކަކީ މެޓްރޮޕޮލިޓަން ސަރަހައްދުތަކެވެ. އާބަން ސެންޓަރުތައް ހިމެނޭ، ސަރަހައްދުގައި ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 50،000 އަށްވުރެ ބޮޑު ނަމަ، އާބަން ރީޖަންގެ ގޮތުގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވުމާ އެކު ޖުމުލަ އާބާދީ 10،000 އަށްވުރެ ބޮޑު ނަމަ، އާބަން ސެޓަރުގެ ގޮތުގައި ކަނޑައެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އާބަން ޑިވެލޮޕްމަންޓްގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ އެގޮތަށް ކަނޑައަޅާ ސަރަހައްދުތަކަކީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ނަމަވެސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީކުރުމުގެ ހުރިހާ ބާރެއް އޮންނާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ. ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނާ ގޮތުން އެކަމަށްޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އެކުލަވައިލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުންވެސް އެ އޮތޯރިޓީއަށް ބަދަލުވާނެ ކަމަށެވެ. އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.