ޚަބަރު

އައިސީއޭސީގެ ކޮމިޝަނަރުގެ އަރިހަށް އޭސީސީގެ ފަރާތުން ޒިޔާރަތްކޮށްފި

އަލީ އިހްސާން

ހޮންކޮންގގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) ގެ ކޮމިޝަނަރ މިސްޓަރ ސިމަން ޕޭގެ އަރިހަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން މިއަދު ޒިޔާރަތްކޮށްފިއެވެ.

އޭސީސީއިން ބުނީ، މި ޒިޔާރަތަކީ މިހާރު ހޮންކޮންގގައި ކުރިއަށްދާ ހަތްވަނަ އައިސީއޭސީ ސިމްޕޯޒިއަމް “ފައިޓިންގ ކޮރަޕްޝަން – އަ ނިއު ޕާސްޕެކްޓިވް” ގައި ބައިވުމަށް އޭސީސީގެ ފަރާތުން ކުރަމުންދާ ދަތުރުގެ ހަވާސާގެ ތެރެއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ހޮންކޮންގެ އައިސީއޭސީގެ ފަރާތުން ރާއްޖޭގެ އޭސީސީގެ ފަންނީ މުވައްޒަފުން ތަމްރީނުކުރުމާ ބެހޭގޮތުންނާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދެ މުވައްސަސާގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އޭސީސީގެ އިންވެސްޓިގޭޓަރުން ތަމްރީނުކުރުމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ހޮންކޮންގގެ އައިސީއޭސީގެ ފަރާތުން ދެއްވާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ވަފްދުގެ އިސްބޭފުޅަކީ ކޮމިޝަންގެ ނާއިބު ރައީސް މުއައްވިޒު ރަޝީދެވެ. އަދި އިއޭސީސީގެ ފަރާތުން ކޮމިޝަނަރ މިސްޓަރ ސިމަން ޕޭގެ އިތުރުން އައިއޭސީސީގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެފައިވާ ކަމަށް އޭސީސީއިން ބުނެއެވެ.