ޚަބަރު

އޭޕީއާރުއެފްއެޗްއީގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި

ފާތިމަތު ލިޔުޝާ

އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް (އޭޕީއާރުއެފްއެޗްއީ) ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ނިންމާފައިވަނީ، ހެލްތު މިނިސްޓްރީގެ ހުށަހެޅުމަކާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ފޯރަމްގެ މަގުސަދަކީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ސިއްހީ ދާއިރާއާއި ތިމާވެށީގެ ދާއިރާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މަންސައެއް މެދުވެރިކޮށްދިނުމާއި، ތިމާވެއްޓަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވުމާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އާންމު ސިއްހަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ގައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސިޔާސަތުތަކާއި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވަކާލާތުކުރުން ކަމަށެވެ.

އޭޕީއާރުއެފްއެޗްއީގެ މެންބަރަކަށް ވުމުން ރާއްޖެއަށް ކުރާނެ ފައިދާތަކުގެ ތެރޭގައި، ފޯރަމްގެ މެމްބަރު ގައުމުތަކާ ގުޅުން ބަދަހިވެ، ސިއްހަތާއި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކާއި ގައުމީ ޕްލޭންތައް އެކުލަވާލުމާއި ތަންފީޒުކުރުމަށް ސަރަހައްދީ އެއްބާރުލުން ލިބުން ހިމެނޭ ކަމަށާއި އޭގެ އިތުރުންވެސް ރާއްޖޭގެ ތިމާވެއްޓާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަކާލާތު ކުރުމާއި ސަރަހައްދީގޮތުން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު ސިއްހީ އަދި ތިމާވެށީގެ ދާއިރާއިން ހިދުމަތްދިނުމުގައި ޑިޖިޓަލް ހެލްތު ބޭނުންކުރުމުގެ ލުއިފަސޭހަކަން ލިބި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ފޯރަމްގެ ނޮލެޖު ނެޓްވޯކްގެ ޒަރިއްޔާއިން ދިރާސީ މަސައްކަތްތަކަށް އެހީތެރިކަން ލިބި، ތިމާވެއްޓަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ސިއްހަތަށް ހުރި ނުރައްކާތައް ވަޒަންކޮށް މިންކުރުމާއެކު، އެ ދެ ދާއިރާއިން އެއް މަންސައެއްގައި ވަށާޖެހޭ ގޮތަކަށް ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި ފަންނީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު ބޮޑުވެ އެކަމަށް ބާރުއެޅޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ފޯރަމްގެ ތެރެއިން އިންތިޒާމުކުރާ ތީމެޓިކް ވޯކިންގް ގްރޫޕްތަކުގައި އެކި ދާއިރާތަކުން މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ ކަމަށާއި އަދި ގައުމުން ފޯރަމްގެ ޗެއާމަންޝިޕް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ޕެރިސް އެގްރީމަންޓާއި ނެޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަނާއި މިނަމާޓާ ކޮންވެންޝަންސް އަދި ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގެ މައިގަނޑު އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ތިމާވެށި ހިމާޔަތްކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ދަތުރުފަތުރާއި ތައުލީމާއި ހަކަތަ އާއި ވިޔަފާރީގެ ދާއިރާ ފަދަ އެހެނިހެން ދާއިރާތައް ކުރިއެރުވުން ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ އެ ފޯރަމުގައި ބައިވެރިވުމުން ދައުލަތުން އަދި އާންމު ފަރުދުން އެއްވެސް އިލްތިޒާމެއް އުފުލާކަށް ނުޖެހޭނެ ކަމަށެވެ.

އޭޕީއާރުއެފްއެޗްއީ އަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކާތައް ހައްލުކުރުމުގެ ގޮތުން 2004 ވަނަ އަހަރު އެކުލަވާލި ފޯރަމެކެވެ. ގިނަ ގައުމުތަކުން އެ ފޯރަމުގައި ބައިވެރިވަނީ ވޮލަންޓަރީކޮށެވެ.