ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުން އިތުރު 10 ބިމެއް ވިއްކަނީ

މުހައްމަދު އިޝާން

ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ހުޅުމާލެ ބީޗު ސައިޑާއި ބީޗު ފްރޮންޓުން އިތުރު 10 ބިމެއް ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ބީޗް ފްރޮންޓުން ވިއްކަނީ 1،638 އަކަފޫޓުގެ ބިމަކާއި 1،559 އަކަފޫޓުގެ ބިމެއްގެ އިތުރުން 3،250 އަކަފޫޓުގެ ބިމެކެވެ. ބީޗްސައިޑުން ވިއްކަނީ 1،534 އަކަފޫޓުގެ ފަސް ބިމަކާއި 1،513 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،230 އަކަފޫޓުގެ ބިމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ ކަމަޑާއި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ބިންތައް ގަތުމަށް 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.