ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތައް މަދުކޮށް، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން އުތުރުތިލަފަޅުގައި ފަށަން ނިންމި މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައި އޮތީ، އުތުރުތިލަފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކުރައްވައި، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވައިފައެވެ.
އެގޮތުން އުތުރު ތިލަފަޅަކީ ރާއްޖޭގެ ފުރަތަމަ އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)ގެ ގޮތުގައި ހަމަޖައްސައި އެ ތަން ތަރައްގީކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު މިދިޔަ މާޗް މަހު އެއްބަސްވުމެއް ވެސް މި ސަރުކާރުން ހެދިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެސްޓީއޯގެ ދަށުން ހިންގާ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) ވެސް އުފެއްދިއެވެ.
އެސްޓީއޯގެ އޮފިސަރަކު "ވަން" އަށް މިއަދު ވިދާޅުވީ، އުތުރުތިލަފަޅުގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބެއް އޭނާ ހާމައެއް ނުކުރެއެވެ.
އެ މަޝްރޫއު ބަދަލުކުރި ފުށިދިއްގަރުފަޅަކީ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީކުރަން ހިއްކާ ފަޅެކެވެ.
ދަނޑުވެރިކަމުގެ މަޝްރޫއާ ގުޅޭ ގޮތުން ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބޮޑު ބިމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ބަދަލުކުރުމުން އެ ބިމުގައި ދެން ހިންގާނީ ކޮން މަޝްރޫއުއެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.