ޚަބަރު

އެއް ލައްކައިގެ ބަދަލު ނަގައިދީ ތިންލައްކައާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ކޮޕީރައިޓްސް ގާނޫނު ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރުކުރުމަށް ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި މި ބިލް ފާސްކުރީ އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު މަޖިލީހުގެ 57 މެންބަރުންގެ ވޯޓުންނެވެ.

މި ބިލުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނީ އުފެއްދުންތަކާއި ޕަފޯމަންސްތަކާއި އަޑުގެ ރެކޯޑިންތަކާއި ބްރޯޑްކާސްޓްތައް ހިމަޔާތްކުރެވިގެންދާނެއެވެ. ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަނެތި އެ މީހެއްގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އުފެއްދުމާއި ފޯރުކޮށްދިނުން މަނާވާނެއެވެ. ނަމަވެސް އުނގަންނައިދިނުމުގެ ބޭނުމުގައި އެފަދަ އުފެއްދުމެއް ހުއްދައާ ނުލައި ބޭނުންކުރެވިދާނެއެވެ.

މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބެއެވެ. އަދި ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ހައްގުގެ ބޭނުންކޮށް އެފަރާތުގެ އެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމެއްގެ ބަދަލު ހޯދުމަށް ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުވާކުރުމުގެ ހައްގުވެސް އެފަރާތަށް ލިބިގެންދާނެއެވެ.

މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިިތުރުކޮށްފައެވެ.

ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އެ ހައްގަށް އަރައިގަތް ފަރާތުން ގަސްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އަދަބެއްގެ ގޮތުން އެފަރާތް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ބަދަލެއް ނަގައިދެވޭނެއެވެ.

މީގެ އިތުރުން ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ ޖިނާއީ އަދަބެއްގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ.