ޚަބަރު

މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލް، ސާޖަންޓް އެޓް އާމްސް، އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ އިތުރުން ސާޖަންޓް އެޓް އާމްސް މޭޖަރ (ރޓޑ) ތަލްހަތު ހަސަން އެބޭފުޅުންގެ މަގާމުގެ އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި ކަމަށްޓަަކައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުން އަހުދުގެ ލިޔުމުގައި ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކުރިފުޅުމަތީގައެވެ.

އެ ތިން ބޭފުޅުން އެ މަގާމުގައި އިތުރަށް ބައިތިއްބަން މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެދުވަހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާއްމުގެ މަގާމާއި ކައުންސެލް ޖެނެރަލްގެ މަގާމާއި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މަޖިލީހުން މީހުން އައްޔަންކުރަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން 19 ވަނަ މަޖިލީހުގައި އަމަލުކޮށްފައިވާ ގޮތަށް، މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމާމެދު މަޖިލީހުގައި ވޯޓަށް އެހުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. 2012 ވަނަ އަހަރުން ފެށިގެން އަމީން އާންމުގެ ނައިބުކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި ނިއުޝާ އަމީން އާއްމުކަމުގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އަދި މުހައްމަދު ހަލީމު ސާޖަންޓް އެޓް އާމްސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް، ތޮލްހަތު ހަސަން އައްޔަންކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 31 އޮކްޓޯބަރު 2013 ގައެވެ. އެ މަގާމު އުފެއްދީއްސުރެ ތޮލްހަތު އެ މަގާމަށް އައްޔަން ކުރައްވަންދެން މަގާމުގައި ހުންނެވީ ހަލީމެވެ. އެ މަގާމު ހުސްވީ ގިނަ ދުވަސްތަކަކަށް އޭނާ މަގާމުން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު، 24 އޯގަސްޓް 2022 ގައި މަޖިލީހުން ވޯޓު ނަގައިގެން އޭނާ މަގާމުން ވަކިކުރުމުންނެވެ.

އޭރު އޭނާ ސަސްޕެންޑް ކުރީ މަޖިލީހުން އޭނާގެ މައްސަލައެއް ބަލަމުންދާތީއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.