ޚަބަރު

އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ހުރި ތަންތަން ބަލައި 14 ބިދޭސީއަކު އަތުލައިގެންގި

ފާތިމަތު ލިޔުޝާ

އާންމު ސިއްހަތަށް ގެއްލުވާގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅުނު ތަނަކުން، 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ރޭ އެކްސްގައި ބުނީ، ޓާސްކުފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ގެއްލުވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރި ކަމަށެވެ.

އޭގެތެރެއިން ފުރަތަމަ ބަލައިފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީ ނުވަ ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ ތިން އަންހެނަކާއި ދެ ފިރިހެނުން ހިމެނޭހެން ޖުމުލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް އިއްޔެ ހަވީރުގެ ވަގުތެއްގައި އިމިގްރޭޝަނުން ބަލައިފާސްކޮށް އެތަނުން ކެފޭއެއްގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އޭގެތެރެއިން އެކަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.