އަނިޔާވެރިކަން ދިފާއުކުރާ ބައެއްގެ ވެރިކަމެއްގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ހާލަތު ސިފަކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހަލީލު އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު)، އެކްސްގައި މިދިޔަ މަހުގެ އަށްވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން އޭނާގެ ބަޔާން ނެގުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން، އޭނާގެ ދިފާއުގައި އެ ޕާޓީގެ އިސްވެރިން ވާހަކަދަމުންދާތީއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ހަލީލު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނިޔާވެރިކަމުގެ ބިރުވެރި އަދި ނުރައްކާތެރި ބަސްތައް ބުނުމަކީ ހިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއް ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ ކަމަށެވެ.
"އަމުދުން ވެރިކަމަށް ފައިނަގާ ބަޔަކު މިކަން ދިފާއުކުރާނަމަ، އެބައެއްގެ ވެރިކަމުގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ޙާލަތު ސިފަކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާފިއު، މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް، ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށް، ދިން އިންޒާރަކާ ގުޅިގެންނެވެ. ސިނގިރޭޓުގެ އަގުބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރަމުން އެ ޕޯސްޓުގައި އޭނާ ވަނީ، "ކަލޭ މަގެއް މަތިން ނުފެންނާތީ" ކަމަށްބުނެ އިންޒާރު ދީފައެވެ.
ފުލުހުންނަށް ދިން ބަޔާނުގައި ޝާފިއު ބުނީ، އެއީ ވަކި މީހަކަށް ނިސްބަތްކޮށް ކުރި ޕޯސްޓެއް ނޫން ކަމަށާއި މީހަކަށް އިންޒާރެއް ވެސް ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ޕޯސްޓުގައި ހަޑިހުތުރު ބަސް ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.