ޚަބަރު

ގުރަހަ: ވަޒީފާ ހޯދަން ފަސޭހަ ކޮށްދީފި!

ވަޒީފާގެ ފުރުސަތުތައް ޒުވާނުން އަތްފޯރާ ފަށަށް ގެނައުމަށްޓަކައި ސަރުކާރުގެ "ގުރަހަ" ޕޯޓަލް މިއަދު އިފްތިތާހު ކޮށްފިއެވެ.

ގުރަހަ ޕޯޓަލްއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގާނެ ހާއްސަ ޕޯޓަލްއެކެވެ. އެކިއެކި ކުންފުނިތަކާއި ކޮލެޖު ޔުނިވާސިޓީގެ މައުލޫމާތުވެސް އެންމެ ގާތުން ހޯދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ގުރަހަ ޕޯޓަލްއަށް ކޮންމެ ރައްޔިތަކަށްވެސް އެކްސަސް ވެވޭނެއެވެ. ސްކޫލް ނިންމައި، ކޮލެޖް ނިންމާ ޒުވާނުންނަށް ހާއްސަކޮށްގެން މިއަދު ސަރުކާރުން ވުޖޫދަށް ގެނައި "ގުރަހަ" ޕޯޓަލް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި "ގުރަހަ" އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިސަތު ޝިހާމްއެވެ.

"ގުރަހަ"އަކީ ސްކޫލް ނިންމާ ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން އެނގެން ޖެހޭ މައުލޫމާތުތައް ވެސް ލިބޭނެ ފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ. އެ ޕޯޓަލްގެ އެހީގައި ވަޒީފާއަށް މީހުން ހޯދާ ކުންފުނިތަކާއި ވަޒީފާ ބޭނުންވާ އާންމު ފަރުދުންނާ ފުރިހަމައަށް ގުޅުވާލަ ދެވޭނެއެވެ. އަމިއްލަ ކުންފުނިތަކުގެ ވަޒީފާގެ އިޝްތިހާރުތަކާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާގެ ފުރުސަތުތައްވެސް ގުރަހަ މެދުވެރިކޮށް އާންމުންނަށް ފެންނާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ "ގުރަހަ" ވެގެންދާނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާ ދެ މެޗު އެޅިގެންދާ މުހިއްމު ފާލަމަކަށް ކަމަށެވެ.

ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކޮލެޖު ޔުނިވާސިޓީގެ މައުލޫމާތުތައްވެސް ހިމެނޭ ގޮތަށް "ގުރަހަ" ޕޯޓަލް ޑިޒައިން ކޮށްފައިވާ އިރު، ވަޒީފާއަށް ނުކުތުމުގެ ކުރިން އަލަށް އެނގެން ޖެހޭ އެތައް މައުލޫމާތުތަކެއްވެސް "ގުރަހަ" ޕޯޓަލްގެ ތެރެއިން ހިނގާ ހާއްސަ މައުލޫމާތު ބްލޮގެއްގެ ތެރެއިން އެނގިގެންދާނެއެވެ.

"ގުރަހަ" ޕޯޓަލްއަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭ އިރު، އެމީހަކު ބޭނުންވާ ފީލްޑަކުން ވަޒީފާގެ ފުރުސަތުތައް ފެންނާނެ ގޮތަށް ވަކިން ސިލެކްޝަން ހެދޭނެއެވެ. އެކަށީގެންވާ ވަޒީފާއެއް ޕޯސްޓް ކުރެވުމާއެކު ފޯނަށް ނޮޓިފިކޭޝަންވެސް ލިބޭނެއެވެ.