ޓެޑް ޓޯކް އިންޑިއާ ސީޒަން ދޭއްގެ ޝޫޓިން ބޮލީބުޑްގެ ބާދްޝާ ޝާހުރުކް ޚާން ފަށައިފިއެވެ.
ޝާހު އަކީ މީގެ ކުރިންވެސް ގިނަ ޝޯތަކެއް ހޮސްޓުކޮށް އޯޑިއަންސް ހިފެހެއްޓުމުގެ ހުނަރުވެރިކަން ހުރި ތަރިއެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. ޓެޑް ޓޯކްގެ ފުރަތަމަ ސީޒަންގެ ހޮސްޓަކީވެސް ޝާހުއެވެ.
މޯޓިވޭޝަނަލް މި ޝޯގެ ފުރަތަމަ ސީޒަނުގައި ހުދު ޝާހުވެސް ވަނީ ގިނަ ސްޕީޗްތަކެއް ދީފައެވެ. އަދި އޭނާގެ ސްޕީޗްތައް އަޑުއަހަން ގިނަ ބަޔަކު އެޝޯބަލައެވެ.
އިއްޔެގެ ވަގުތެއްގައި ވަނީ ޝޯގެ ޝޫޓިން ތެރޭގައި ޝާހު ހުއްޓާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯ ފެނުމާއެކު، ޝޯ ބެލުމަށް ގިނަ ބަޔަަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޝާހު ވަނީ މިދުވަސްވަރު ފިލްމު ކުޅުމާ ކުޑަކޮށް ދުރުގައި އުޅޭނެކަމަށް މީގެ ކުރިން ބުނެފައެވެ. އޭނާގެ އެންމެ ފަހު ފިލްމު 'ޒީރޯ' އަށް ލިބުނު ނާކާމިޔާބީއަށް ފަހު ފިލްމެއް ކުޅުމަށް ސޮއިކުރުމުގެ ކުރީން ސްކްރިޕްޓްތައް ވަރަށް ބޮޑަށް ބަލާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ ވެސް ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "ޒީރޯ" އަކީ ޝާހުގެ މުޅި ކެރިއަރުގެވެސް އެންމެ އަގުބޮޑު ފިލްމެވެ. ނަމަވެސް ސްޓާރުންގެ އެހާ މޮޅު އެކްޓިންއާއެކުވެސް ބޮކްސް އޮފީހުގައި ފިލްމަށް ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވެވުނެވެ.