އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ގޭބަންދަށް ބަދަލު ކުރުމަށް ޑޮކްޓަރުން އަނެއްކާ ވެސް ލަފާ ދީފި

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ ގޭ ގޭބަންދަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން ހެދި ސީޓީ ސްކޭންގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށެވެ.

"ސީޓީ ސްކޭންގެ ނަތީޖާ ބެލުމަށް ޑޮކްޓަރަށް ދެއްކުމުން އެނގިފައި ވަނީ ސިސްޓާއި ކިޑްނީ ސްޓޯންގެ ހާލަތު އިތުރަށް ގޯސްވެ އެ ހަށިގަނޑުގެ ތެރެއަށް ފެތުރިގެންދާކަން،" ނަޝްވާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނަޝްވާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެންމެ ކަންބޮޑުވަނީ އަދީބުގެ ހަށިގަނޑުގައި އުފެދޭ ސިސްޓުތަކަކީ އަދީބުގެ ބޭބެއަށް ޖެހުނު ކެންސަރާ ގުޅުންހުރި ހާލަތަކަށް ވުން އެކަށީގެންވާ ކަމަކަށް ވާތީ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

"އަދީބުގެ ބޭބެއާ އެއް ތަނެއްގައި ހަމަ ސިސްޓް ނަގާފައިވަނީ. އަދީބުގެ ބޭބެ ވަނީ ކެންސަރު ބަލީގައި ނިޔާވެފައި،" ނަޝްވާ ކިޔައިދެއްވިއެވެ.

އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ކަންތައްތަކާ ހަވާލުވެ ހުންނަވާ ފަރާތަށް މެސެޖު ކުރެއްވި ކަމަށް ނަޝްވާ ވިދާޅުވިއެވެ.

"އެކަމާ ގުޅިގެން ޑޮކްޓަރުންގެ ނަތީޖާ ވަނީ ބަލައިގަނެފައި،" ނަޝްވާ ވަނީ ވިދާޅުވެފައެވެ.