ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "ސަތްޔާމޭވާ ޖަޔާތޭ" ގެ ސީކުއިލް ފިލްމުން ލީޑް ބަތަލާގެ ބައި ކުޅުމަށް ދިވްޔާ ކޯޝްލާ ކުމާރު އެއްބަސްވެއްޖެއެވެ.
އަކްޝޭ ކުމާރާއެކު ފިލްމް "އަބް ތުމާރޭ ހަވާލޭ ވަތަން ސާތިޔޯ" ކުޅުމަށްފަހު ޕްރޮޑިއުސަރު ބުޝަން ކުމާރާ ކައިވެނިކުރުމަށް ދިވްޔާ ވަނީ ސްކްރީނުން ދުރަށްޖެހިލައިފައެވެ. ސްކްރީނާ ދުރަށްޖެހިލި ނަމަވެސް އޭނާ އައީ ބޮލީވުޑްގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ދެ ފިލްމެއްކަމަށްވާ "އާރިޔާން" އަދި "ސަނަމް ރޭ" އަކީ ދިވްޔާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ސަތްޔާމޭވާ ޖަޔާތޭ" ކުޅުމަށް އެއްްބަސްވެ ދިވްޔާ ވަނީ ސޮއިވެސް ކޮށްފައެވެ.
މިލާޕް ޒަވޭރީ ޑައިރެކްޓްކުރާ ފިލްމު "ސަތްޔާމޭވާ ޖަޔާތޭ" އަކީ އެކްޝަން ޑްރާމާއެކެވެ. ފިލްމުގެ ލީޑުން ޖޯން ގެ އިތުރުން މަނޯޖް ބަޖްޕަޔީ ފެނިގެން ދާނެއެވެ. ފިލްމުގެ ޝޫޓިން މިއަހަރު ފެށިގެންދާނެ ކަމަށް ވެއެވެ.