މަގުބޫލު ފްރެންޗައިޒް ފިލްމު ޕުޝްޕާގެ ތިންވަނަ ބައެއްވެސް ނެރޭނެ ކަމުގެ އިޝާރާތެއް ފިލްމުގެ ބަތަލާ ރޭޝްމިކާ މަންދަންނާ ދީފިއެވެ.
އެކަން އޭނާ ހިއްސާކުރީ އިންސްޓަގްރާމަށް ލައިފައިވާ ސްޓޯރީއަކުންނެވެ. އެ ސްޓޯރީގައި ފެނިގެންދަނީ "ޕުޝްޕާ 2: ދަ ރޫލް" ގެ ފިލްމު ސެޓުގައި އޭނާގެ އެންމެ ފަހު ދުވަހާ ގުޅޭ ނޯޓެކެވެ. އޭގައި ބުނެފައިވަނީ ޝޫޓިން ނިންމާލި ދުވަހު އޭނާއާށް ވަރަށް ބޮޑަށް އަސަރުކުރިކަމަށެވެ.
އޭނާގެ 8 އަހަރުގެ ކެރިއަރުގައި، ފާއިތުވި 5 އަހަރު ހޭދަކޮށްފައިވަނީ ޕުޝްޕާގެ ދެ ފިލްމާ އެކުގައެވެ.
"7/8 އަހަރުގެ ތެރެއިން، ފާއިތުވި 5 އަހަރު މި ސެޓުގައި ހޭދަކުރުމުގެ ސަބަބުން މި ސެޓަކީ އިންޑަސްޓްރީގައި އަހަރެންގެ ގެއަށް ވެފައިވާ ތަނެކެވެ. އަދި ފަހުން އެއީ އަހަރެންގެ އެންމެ ފަހު ދުވަސް ކަމުގައި ވެގެން ދިޔައެވެ." ރޭޝްމިކާ ބުނެފައިވެއެވެ.
އޭނާ ބުނީ އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ފަހަރެއްގައި ތިންވަނަ ބައެއް ވެސް އަތުވެދާނެ ކަމަށެވެ.
ސުކުމާރު ޑައިރެކްޓުކުރާ "ޕުޝްޕާ 2: ދަ ރޫލް" އިން އަލްލު އަރްޖުން، ރޭޝްމިކާ މަންދަންނާ އަދި ފަހަދު ފާސިލް ފެންނާނެއެވެ. މިއީ 2021 ވަނަ އަހަރު އިންޑިއާގެ ހުރިހާ ސަރަހައްދެއްގައި ހިޓުވި "ޕުޝްޕާ: ދަ ރައިޒް" ގެ ސީކުއަލް އެވެ. ޕުޝްޕާ 2 އުފައްދާފައިވަނީ މިތްރީ މޫވީ މޭކާސް އަދި ސުކުމާރު ރައިޓިންގްސްއިންނެވެ. މިޔުޒިކް އަންނަނީ ޓީ-ސީރީޒްއިންނެވެ. މި ފިލްމު ތިއޭޓަރުތަކަށް ރިލީޒްކުރާނީ އަންނަމަހު 5 ގައެވެ.