ރަންބީރު ކަޕޫރަކީ "އެނިމަލް"، "ވޭކް އަޕް ސިޑް!"، "ޔޭ ޖަވާނީ ހޭ ދީވާނީ" އަދި އިތުރު އެތައް ފިލްމެއްގެ ހިޓްތަކާއެކު ހިންދީ ސިނަމާގެ އެންމެ ބޮޑެތި ސުޕަސްޓާރުންގެ ތެރެއިން އެކެކެވެ. މިއަހަރުގެ އައިއެފްއެފްއައި ފިލްމު ފެސްޓިވަލް ހާއްސަ ކުރެވިފައި ވަނީ ރަންބީރުގެ ކާފަގެ މަސައްކަތަށް 100 އަހަރު ފުރުމާއެވެ. އެ ހަފުލާގައި ބައިވެރިވުމަށް އޭނާ މިވަގުތު ހުރީ ގޯއާގައެވެ.
މަޝްހޫރު ޑައިރެކްޓަރު ރާހުލް ރަވައިލްއާއެކު ދެކެވުނު ވާހަކަތަކުގައި ރަންބީރު ބުނި ގޮތުގައި ކަޕޫރު އާއިލާއިން 13 އިން 15 ޑިސެމްބަރަށް މުޅި ގައުމުގައި ރާޖް ކަޕޫރު ފިލްމު ފެސްޓިވަލެއް ބާއްވާނެ އެވެ. މި ފެސްޓިވަލަށް އޭނާގެ ބޮޑުބޭބެ ކުނާލް ކަޕޫރު، އެންއެފްޑީސީ، އެންއެފްއޭއައި އަދި ފިލްމް ހެރިޓޭޖް އޮފް އިންޑިއާއާ ގުޅިގެން ރާޖް ކަޕޫރުގެ ފިލްމުތައް އާ ކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި މިހާތަނަށް މަދުވެގެން 10 ފިލްމު އާކޮށް ނިމިފައިވެއެވެ.
"ކާފަގެ މަސައްކަތްތައް ނުދެކޭ އެތައް ބަޔަކު އެބަ ތިބި. މިސާލަކަށް އަހަރެން ފުރަތަމަ ފަހަރަށް އާލިއާއާ ދިމާވިއިރު އޭނާ އަހަރެން ކައިރީ ކިޝޯރު ކުމާރަކީ ކާކުތޯ އެހި، އެހެންވީމާ، މިއީ ހަމަ ދިރުމުގެ ވައްބުރު، ފަންނާނުން ހަނދާން ނެތިގެން ގޮސް އަނެއްކާ ހަނދާނަށް އަންނަނީ." މި ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަދައްކަމުން ރަންބީރު ބުންޏެވެ.
ރަންބީރު ބުނީ އޭނާގެ ކާފަގެ އެއްވެސް ފިލްމެއް ޑައިރެކްޓް ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. އެއީ އެކްޓިން ސްކޫލުގައި ހެދި ކުރު ފިލްމުތައް ފަދައިން އެ ފިލްމުތައް ވެސް ވާނީ ވަރަށް ދެރަ އެއްޗެހިތަކަކަށް ކަމަށްވާތީއެވެ. އެ ކުރު ފިލްމުތައް ވަޅުލާފައިވާ ކަމަށާއި އެއްވެސް މީހަކަށް އެ ފިލްމުތައް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.