އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު މިއަދު ގުނަމުން އަންނަ އިރު، މަޖިލީހުގެ ތިރިގެއަށް ވާދަކުރި ބޮލީވުޑް ތަރިންގެ ތެރެއިން އުރްމީލާ މަޓޮންޑްކަރު، ޕްރަކާޝް ރާޖް އަދި ޕޫނަމް ސިންހާ އަށް ގޮނޑި ނާކާމިޔާބު ވާކަން ކަށަވަރުވެއްޖެއެވެ.
ޕްރަކާޝް ރާޖް ލޮކް ސަބާގެ އިންތިހާބުގައި ވާދަކުރީ ބެންގަލޯ ސެންޓްރަލުގެ ގޮނޑިއަށް އިންޑިޕެންޑެންޓް ކެންޑިޑޭޓެއްގެ ގޮތުގައެވެ. ވަގުތީ ނަތީޖާއިން ޕްރަކާޝްއަށް އެ ދާއިރާއިން ލިބިފައިވަނީ 12،517 ވޯޓެވެ. ބެންގަލޯރ ސެންޓްރަލް ގެ ގޮނޑީ ކާމިޔާބު ކުރީ އިންޑިއަން ނެޝަނަލް ކޮންގްރެސް ގެ ރިޒްވާން އަރްޝަދު އެވެ. އޭނާއަށް ވަނީ 271،875 ވޯޓު ލިބިފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ބީޖޭޕީގެ ޕީސީ މޯހަންއެވެ. އޭނާ އަށް ވަނީ 251349 ވޯޓު ލިބިފައިވެ އެވެ. ޕްރަކާޝްއަށް އިންތިހާބު ކާމިޔާބު ނުވުމުން އޭނާވަނީ އެކަމާ ހިތްހަމަ ނުޖެހިގެން ޓުވީޓުކޮށްފައެވެ.
މަގްބޫލު ލެޖެންޑަރީ ބަތަލު، ޝަތްރުގާން ސިންހާ އަށް ވެސް މިފަަހަރުގެ އިންތިހާބުގައި ވަނީ ބޮޑު ނާމާކިޔާބީއެއް ކުރިމަތިވެފައެވެ. މީގެ އިތުރުން އޭނާގެ އަނބިކަބަލުން ބަތަލާ ޕޫނަމް ސިންހާ އަށް ވެސް ގޮނޑި ކާމިޔާބު ވާގޮތެއް ނުވިއެވެ.
ޝަތްރުގާން ސިންހާ ވާދަކުރީ ކޮންގްްރެސް ޕާޓީގެ ޓިކެޓުގައި ޕަޓްނާ ސާހިބް އަށެވެ. އޭނާ އަށް ލިބިފައިވަނީ 68085 ވޯޓެވެ. އެގޮނޑި ކާމިޔާބު ކުރީ ބީޖޭޕީގެ ފަރާތުން ވާދަކުރި ރަވީ ޝަންކަރު ޕްރަސާދް އެވެ. އޭނާއަށް ވަނީ 147850 ވޯޓު ލިބިފައެވެ.
ޕޫނަމް ސިންހާ ވާދަކުރީ ލަކްނޫ ގޮނޑިއަށެވެ. އޭނާވެސް ވަނީ ބީޖޭޕީ ކެންޑިޑޭޓް ރަޖްނާތް ސިންގާ ވާދަކޮށް ބަލިވެފަ އެވެ.
މުމްބާއީނޯތް އަށް ވާދަކޮށް މަގުބޫލު ބަތަލާ އުރްމިލާ މަޓޮންޑްކަރު އަށް ވެސް ވަނީ ގޮނޑި ނާކާމިޔާބު ވެފައެވެ. އޭނާ އަށް ލިބިފައިވަނީ 39977 ވޯޓެވެ. ގޮނޑި ކާމިޔާބު ކުރީ ބީޖޭޕީގެ ފަރާތުން ވާދަކުރި ގޯޕަލް ޝެޓީއެވެ. އޭނާ އަށް ވަނީ 130366 ވޯޓު ލިބިފައެވެ.
އުރްމީލާ ވަނީ އިންތިހާބާ ބެހޭ ޝަކުވާއެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އޭނާ ކުރި ޓުވީޓުގައި ބުނީ ސޮއި ކޮށްފައިވާ ފޯމުތަކާއި މެޝިނުގެ ނަންބަރުތައް ދިމާނުވާތީ އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅީކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑެއޯލް ވަނީ މިފަހަރު އަލަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. ސަނީގެ ދޮން މަންމަ ހެމާ މާލިނީ ވަނީ އޭނާގެ ގޮނޑި ދިފާއުކޮށްފަ އެވެ.