55 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ގައި ކަލްކީ 2898 އޭޑީގެ ސްކްރީނިން އަށް ޑަޓް ސިސްޓާސް ކަމުގައިވާ ޕްރިޔަންކާ އާއި ސްވަޕްނާ ބައިވެރިވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މި ފިލްމަކީ އިންޑިއަން ޕެނޮރަމާ ކެޓަގަރީގެ ދަށުން ހޮވިފައިވާ ފިލްމެކެވެ.
ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބުދެމުން މި ދެ މީހުން ވަނީ މި ފްރެންޗައިޒްއާ ބެހޭގޮތުން ޝައުގުވެރިކަން އުފެދޭ ފަދަ އަޕްޑޭޓްތަކެއް ހިއްސާކޮށްފައެވެ.
ކަލްކީގެ ބޮކްސް އޮފީސް ކާމިޔާބީއާ ބެހޭގޮތުން ސުވާލުކުރުމުން ޕްރިޔަންކާ ޑަޓް ބުނެފައިވާގޮތުގައި ދެވަނަ ބައެއް ހެދޭވަރަށް ކާމިޔާބީ ވަނީ ލިބިފައެވެ. ދީޕިކާ ޕަދުކޯންގެ ކެރެކްޓަރާއި އޭނާގެ މަންމައަކަށްވުމުގެ ގުޅުމާ ބެހޭގޮތުން ސުވާލުކުރުމުން ސްވަޕްނާ ޑަޓް ބުނީ، "ދެވަނަ ފިލްމުގެ ބައެއް ހިސާބުގައި އޭނާ އަދިވެސް ބަނޑުބޮޑުކޮށް ހުންނާނެ" ކަމަށެވެ
މި ދެ މީހުން ވެސް ބުނީ ކަލްކީ 2 ގެ ގާތްގަނޑަކަށް 30 ޕަސެންޓް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.
އެއާއެކު، ފިލްމު އުފެއްދި ފަރާތްތަކުން އިއުލާނުކުރި ގޮތުގައި ކަލްކީ 2898 އޭޑީ ޖަޕާނުގައި ރިލީޒްކުރާނީ 3 ޖަނަވަރީ 2025 ގައެވެ. މިއީ ޖަޕާނުގެ އާ އަހަރު ކަމުގައިވާ ޝޯގަޓްސޫއާ ދިމާކޮށެވެ. ޖަޕާނުގައި މި ފިލްމު ޑިސްޓްރިބިއުޓްކުރާނީ ޓްވިން އިންނެވެ.
އަންދާޒާ ކޮށްފައިވާ ގޮތުގައި 600 ކްރޯޑުގެ ރުޕީސް ބަޖެޓަކާއެކު، އިންޑިއާ ސިނެމާގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ބެލެވޭ ކަލްކީ 2898 އޭޑީގައި ތަމްސީލުކުރަނީ އަމިތާބް ބަޗަން، ޕްރަބާސް، ކަމަލް ހަސަން، އަދި ދީޕިކާ ޕަދުކޯންއެވެ. ނާގް އަޝްވިން ޑައިރެކްޓްކޮށް، ވިޖަޔަންތީ މޫވީސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ވަނީ ތާރީހީ ވާހަކަތަކާއި މުސްތަގުބަލުގެ ވާހަކަތައް އެއްކޮށްލައިފައެވެ.