މުނިފޫހިފިލުވުން

ކޮންކޯނާ ސެން ޝަރްމާ ބައިނަލްއަގްވާމީ މައިދާނަށް

'އޮމްކާރާ'، 'ޕޭޖް 3'، 'ލައިފް އިން އަ... މެޓްރޯ'، 'ވޭކް އަޕް ސިޑް' އަދި އެހެން ބައެއް ފިލްމުތަކުން މަޝްހޫރުވެފައިވާ އެކްޓްރެސް ކޮންކޯނާ ސެން ޝަރްމާ، ކުރިއަށް އޮތް 'މިސް(ސް)ޗީފް' ފިލްމުގައި އަންހެން މެއިން ލީޑް ކުޅުމަށް ހަމަޖެހިއްޖެއެވެ.

'ވެރައިޓީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ފިލްމުގައި ކޮންކޯނާ އާއެކު ސްޕެއިންގެ އެކްޓަރު ކާލޯސް ބާޑެމް ފެނިގެންދާނެއެވެ. މި ކަން އިއުލާނުކޮށްފައި ވަނީ ގޯވާގައި ބޭއްވި ފިލްމު ބަޒާރުގައެވެ.

މިއީ ޔޫކޭ އަދި އިންޑިއާގައި ގާއިމުވެފައިވާ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ އަވާނީ ފިލްމްސްއިން އުފައްދާ ފިލްމެކެވެ. 'މިސް(ސް)ޗީފް' އަކީ ދެ ދަރިންގެ މަންމައެއްގެ ވާހަކައެވެ. އޭނާ މަސައްކަތް ކުރަނީ ފިލްމު ހަދާ މީހެއްގެ ގޮތުގައި ކާމިޔާބު ހޯދުމަށެވެ. އެހެންނަމަވެސް، އޭނާ ކުރިމަތިލާން ޖެހެނީ ފެއިލްވަމުންދާ ކައިވެންޏަކަށާއި، އޭނާއަށް ނޭނގި ރުޅިއެރުވިފައިވާ މާފިޔާ މީހެއްގެ ފަރާތުން އަންނަ ވަޒަނާއި، އަދި ގޭތެރޭގެ މަސައްކަތުގެ ނުނިމޭ ތާވަލާއެވެ.

ބްރިޓިޝް ފިލްމް މޭކަރ ޕީޓަރ ވެބަރ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވެފައިވެއެވެ. އެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ ކާސްޓިން ޑައިރެކްޓަރު ނެންސީ ބިޝޮޕް އަންނަނީ ބައިނަލްއަގްވާމީ ކާސްޓެއް ފިލްމަށް އެކުލަވައިލަމުންނެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު، އަނު ވައިދްޔަނާތަންއެވެ.