ޔޫތު ލީގު

ޔޫތު ލީގު: މާޒިޔާގެ ފެށުން ރަނގަޅު، ސަސްއާ ހުއްރިއްޔާ ވާދަވެރި

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތު ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރަތަމަ ކުޅުނު ދެ އުމުރުފުރާގެ މެޗުވެސް ކާމިޔާބުކުރި އިރު، ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން އިންތިޒާމުކުރާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.

ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.

ޔޫތު ލީގުގައި ތިން އުމުރުފުރާއެއް ހިމެނޭނެއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާއެވެ. ތިން އުމުރުފުރާގެ މެޗުތައްވެސް ކުރިއަށް ދަނީ ލީގު އުސޫލުންނެވެ.

އިއްޔެ ހަވީރު 12 އަހަރުން ދަށުގެ އުމުރުފުރާގައި ކްލަބު އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗު، މާޒިޔާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަސް ހޮވުނު އަހުމަދު ރާހިފާއި މިޝްއާލް އަހުމަދު، އަހުމަދު ރާކިން އަދި އަހުމަދު ލުޝާނެވެ.

އޭގެފަހުން 14 އަހަރުން ދަށުގެ އުމުރުފުރާގައި އީގަލްސްއާ މާޒިޔާ ވާދަކުރި މެޗު، މާޒިޔާއިން ކާމިޔާބުކުރީ 2-1 އިންނެވެ. ފޯރިގަދަ މެޗުގައި މާޒިޔާއިން ފުރަތަމަ ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. އެއީ ޝިބާލް އަބްދުލް ޖެހި ގޯލުންނެވެ. އޭގެފަހުން އީގަލްސްގެ މުހައްމަދު އާސް ޖެހި ގޯލުން މެޗު އެއްވަރުވި އިރު، މާޒިޔާ މޮޅުވި ގޯލު ފަހު މިނެޓުގައި ޖެހީ ޖިހާދު އަލީއެވެ.

ރޭ 12 އަހަރުން ދަށުގެ އުމުރުފުރާގައި ސަސްއާއި ހުއްރިއްޔާ ކުޅުނު މެޗު ސަސްއިން 1-0 އިން ކާމިޔާބުކުރި އިރު، ސަސްގެ ހަމައެކަނި ގޯލު ޖެހީ ޒާވީ ބިން މުހައްމަދު ޔޫސުފެވެ. ރޭ 14 އަހަރުން ދަށުގައި އެ ދެޓީމު ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެމެޗުގައި ހުއްރިއްޔާގެ ގޯލު މުހައްމަދު ޔޫނުސް ޖެހި އިރު، މާޒިޔާގެ ގޯލު ޖެހީ އިބްރާހީމް އަލްޔާން ޝާހިރެވެ.