ކުރިން ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޖުއާން މަޓާ، އަންނަ އަހަރު އެެމެރިކާގެ މޭޖާ ލީގު ސޮކާއަށް ނުކުންނަ ސެން ޑިއޭގޯ އެފްސީގެ އޯނާޝިޕް ގްރޫޕާ ގުޅިއްޖެއެވެ.
ސެން ޑިއޭގޯ އެފްސީން 2025 ވަނަ އަހަރު އެމެރިކާގެ ފްރެންޗައިސް ލީގު، މޭޖާ ލީގު ސޮކާއަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، އެޓީމު ވެގެންދާނީ އެ މުބާރާތުގެ 30 ވަނަ ޓީމަށެވެ.
އުމުރުން 36 އަހަރުގެ މަޓާ، ސެން ޑިއޭގޯ އެފްސީގެ އޯނާޝިޕް ހިއްސާ ގަނެ އެ ކްލަބާއެކު ފުޓުބޯޅަ މެނޭޖުމަންޓަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، އޭނާއަކީ މިވަގުތު އޮސްޓްރޭލިއާ ލީގުގެ ވެސްޓާ ސިޑްނީ ވަންޑާސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އެ ކްލަބަށް ބަދަލުވީ ސެޕްޓެމްބަރު މަހުގައެވެ.
މަޓާ ބުނީ ސެން ޑިއޭގޯ އެފްސީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކުރިއަރަމުން އަންނަ ލީގެއްގައި ވަރުގަދަ ސިޓީއެއްގެ ނަމަށް ހިދުމަތް ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
ސެން ޑިއޭގޯ އޯނާޝިޕް ގްރޫޕުން ބުނީ މަޓާ ވެގެންދާނީ މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިޔަކަށް، އެމެރިކާ ލީގު ކްލަބެއްގެ އޯނާޝިޕް ހިއްސާ ގަތް ފުރަތަމަ ކުޅުންތެރިޔާއަށް ކަމަށެވެ. މަޓާގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން، ކްލަބުގެ ވިސްނުމާއި އޭނާގެ ވިސްނުމާ ދިމާވާ ކަމަށްވެސް އެ ކްލަބުގެ ވެރިން ބުންޏެވެ.
މަޓާ ވަނީ ޕްރިމިއާ ލީގުގައި ހޭދަކުރި 11 އަހަރު ހަ ޓްރޮފީއެއް ހޯދައިފައެވެ. އޭގެ ތެރޭގައި ޗެލްސީއާއެކު އެ ކްލަބުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ޓްރޮފީ ކާމިޔާބުކުރުން ހިމެނެއެވެ.
އޭގެ އިތުރުން މަޓާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. 2016 ވަނަ އަހަރަށްފަހު މަޓާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.