މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ސަރުކާރުގެ އޮފީސްތަކުގައި އިތުރުގަޑި ނުހެދޭ ގޮތަށް ޑިއުޓީ ރޭވުމަށް އަންގައިފި

ސަރުކާރުގެ އޮފީސްތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭގޮތަށް މަސައްކަތް ރާވައި ޑިއުޓީ ތަރުތީބު ކުރަން އަންގައި ފިނޭންސް މިނިސްޓްރީން މިއަދު ސާކިއުލާއެއް ނެރެފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިއަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގެ ހަރަދު ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައެވެ.

އެގޮތުން ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީ ހަދާއިރު އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭގޮތަށް ޑިއުޓީ އެތުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގައި މެންދުރު ފަހު އެންމެ ލަސްވެގެން މަސައްކަތް ކުރެވޭ ވަގުތަކީ 1430 ކަމަށް ކަނޑައެޅުމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއި ކުރައްވައި އާންމުކުރެއްވި ސާކިއުލާގައި ހަ ނުކުތާއެއް ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ހަ ނުކުތާއަކީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަން ޖެހޭ ކަންތައްތައް ހިމަނާފައިވާ ހަ ނުކުތާއެވެ.

އެގޮތުން އެ ސާކިއުލާގައި ބުނެފައިވާގޮތުގައި މަރާމާތުތަކަށް ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިހާރު އަމަލީގޮތުން ފެށިފައިވާ މަސައްކަތްތަކަށް އެކަންޏެވެ. އެނޫން މަސައްކަތަކަށް ހަރަދު ދޭނީ ރައީސް އޮފީހުންނާއި މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުތަކަށެވެ.

ދެމުން ގެންދާ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތުވެސް ސާކިއުލާގައި ވަނީ ހިމަނާފައެވެ. އެގޮތުން ހިދުމަތެއް މެދުކެނޑުނަ ނުދިނުމަށް ރައީސް އޮފީހުންނާއި މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ހަރަދެއް ފިޔަވައި އެހެން ހަރަދެއް ނުކުރުމަށް ވަނީ އަންގާފައެވެ.

އަމަލީ މަސައްކަތް ފެށިފައިވާ ޕީއެސްޕީއައި މަޝްރޫއުތައް ފިޔަވައި އެހެން މަޝްރޫއެއް ނުފެށުމަށްވެސް އެ ސާކިއުލާގައިވަނީ އަންގާފައެވެ.