މުނިފޫހިފިލުވުން

ޝްރައްދާ ކަޕޫރު ވޯ2 އާ ގުޅެނީ؟

"ސްޓްރީ 2" ގެ ކާމިޔާބީއާ ގުޅިގެން، ޝްރައްދާ ކަޕޫރު އޭނާގެ ދެން އަންނަ ޕްރޮޖެކްޓް އިއުލާނުކުރާނެ ދުވަހަކަށް ފޭނުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އެކްޓަރު އަމިއްލައަށް އެއްވެސް ކަމެއް ކަށަވަރުކޮށްދީފައި ނުވިނަމަވެސް، އިންޓަނެޓުގައި ތަފާތު ވާހަކަތައް ފެތުރެމުން ދެއެވެ. މިފަދަ ޝައުގުވެރިކަން ހުރި އެއް ރިޕޯޓަކީ "ޕުޝްޕާ 2: ދަ ރޫލް" ގައި އައްލު އަރްޖުންއާ އެކު ހާއްސަ ލަވައެއްގައި ކުޅުމުގެ މަޝްވަރާގެ ވާހަކައެވެ.

ފަހުން ހާމަވެގެން ދިޔައީ މަޝްވަރާތައް ކުރިއަށް ނުދިއުމާ ގުޅިގެން ޝްރައްދާގެ ބަދަލުގައި ސްރީލީލާ ހޮވިފައިވާ ކަމަށެވެ. މި ވާހަކަތައް ފަހުން ކަށަވަރުވެގެން ދިޔައީ "ޕުޝްޕާ 2" ގެ ޓްރެއިލާ ނެރުމުންނެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އަދި ތެލިނގޫ ސުޕަސްޓާ ޖޫނިއަރ އެންޓީއާރު އާ އެކު ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "ވޯރ 2" ގައި ޝްރައްދާ ބައިވެރިވެދާނެއެވެ. ނަމަވެސް، އޭނާ ފެންނާނީ މައި އަންހެން ރޯލުގައެއް ނޫނެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި ޝްރައްދާ ފެނިގެންދާނީ ރިތިކް އަދި ތާރަކްއާ އެކު ހާއްސަ ލަވައެއްގައެވެ.

ނެޝަނަލް އެވޯޑް ކާމިޔާބުކުރި "ބްރަހްމާސްތްރަ: ޕާޓް ވަން - ޝިވާ" (2022) ގެ ޑައިރެކްޓަރު، އަޔާން މުކަރްޖީ ޑައިރެކްޓްކުރާ "ވޯ 2" ތިއޭޓަރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޯގަސްޓް 14 ވަނަ ދުވަހުއެވެ. ވައިއާރްއެފް ސްޕައި ޔުނިވާސްގެ ބައެއްގެ ގޮތުގައި ހިމެނޭ މި އެކްޝަން ތްރިއްލާގައި ކިއާރާ އަދްވާނީ ރިތިކްއާ އެކު މައި ރޯލަކުން ފެންނާނެ އެވެ. ޖޫނިއަރ އެންޓީއާރް ފެންނާނީ ވިލަންގެ ގޮތުގައެވެ.