މުނިފޫހިފިލުވުން

އާރްޔާން ޚާން ފުރަތަމަ ޑައިރެކްޓް ކުރާ ސީރީޒް އަންނަ އަހަރު ނެރެނީ

ނެޓްފްލިކްސް އާއި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން އަންނަ އަހަރު ހާއްސަ ބޮލީވުޑް ސީރީޒެއް ގެނެސްދޭނެ ކަން އިއުލާނުކޮށްފިއެވެ.

ގައުރީ ޚާން ޕްރޮޑިއުސްކުރާ މި ސީރީޒަކީ އޭނާގެ ދަރިފުޅު، އާރްޔާން ޚާންގެ ފުރަތަމަ ޑައިރެކްޝަނެވެ. އާރްޔާން މި ސީރީޒްގެ ކްރިއޭޓަރުގެ ގޮތުގައިވެސް މަސައްކަތްކުރާނެ އެވެ.

އަދި ވަކި ނަމެއް ދީފައި ނުވާ މި މެގަ ޕްރޮޖެކްޓްގެ ހަބަރު އިއުލާނުކުރީ މި ހަފުތާގައި ލޮސް އެންޖެލެސްގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާ ބޭއްވީ ނެޓްފްލިކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު ބެލާ ބަޖާރިޔާ އެވެ. އަންނަ އަހަރު ނެޓްފްލިކްސްއަށް އަންނާނެ އެންމެ ބޮޑެތި ބައިނަލްއަގުވާމީ ޓައިޓަލްތަކުގެ ތެރެއިން ބައެއްވެސް ހަފުލާގައި ދައްކާލިއެވެ.

ބޮލީވުޑްގެ އަންނާން އޮތް މި ސީރީޒަކީ ނެޓްފްލިކްސް އާއި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން ކުރާ 6 ވަނަ މަސައްކަތް ކަމުގައިވާނެ އެވެ. މީގެ ކުރީން މި ދެ ފަރާތް ގުޅިގެން ގެނެސްދީފައިވަނީ:

1. "ޑާލިންގްސް" - ހިޓް ޑާކް ކޮމެޑީ ފިލްމު

2. "ބަކްޝަކް" - ފާޑުކިޔުންތެރިން ތައުރީފުކުރި ކުށުގެ ޑްރާމާ ފިލްމު

3. "ކްލާސް އޮފް '83" - ފުލުހުންގެ ޑްރާމާ ފިލްމު

4. "ބެޓާލް" - ޒޮމްބީ ރުއްސާ ސީރީޒް

5. "ބާޑް އޮފް ބްލަޑް" - ޖާސޫސީ ތްރިލާ ސީރީޒް

މި މަސައްކަތާ ގުޅިގެން އާރްޔާންގެ ބައްޕަ، އެކްޓަރު އަދި ރެޑް ޗިލީޒްގެވެސް ހިއްސާދާރު ޝާހުރުކް ޚާން ބުނީ ނެޓްފްލިކްސްއާއެކު މި އާ ސީރީޒް ހުށަހެޅުމަށް ލިބުނު ފުރުސަތާ މެދު ވަރަށް އުފާވާ ކަމަށެވެ. މި ސީރީޒްއިން ދައްކައިދޭނީ ޖަޒުބާތީ ސިނަމާގެ ދުނިޔެއާއި، އެ ދުނިޔެއަށް ބޭރުން އަންނަ މީހަކަށް ކާމިޔާބު ވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ ކަމަށެވެ. މިއީ އާރްޔާން އަދި ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ ޓީމުގައި ހިމެނޭ ޖޯޝްގަދަ ގިނަ ފަރާތްތަކެއް ގުޅިގެން އުފައްދާފައިވާ ހާއްސަ ވާހަކައެއް ކަމަށާއި ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ އަދި ވަރަށް މަޖާ ކަމަކަށްވެސް ވާނެ ކަމަށް ޝާޚު ބުނެފައިވެއެވެ.