2023 ވަނަ އަހަރަކީ ވަރަށް ފާހަގަކޮށްލެވޭ އަހަރެއް ކަމުގައި ވިޔަސް، މި އަހަރަކީ ބޮލީވުޑްގެ ބޮކްސް އޮފީހަށް ތަންކޮޅެއް ހިތާމަވެރި އަހަރަކެވެ. ސްޓްރީ 2، ބޫލް ބުލައްޔާ 3 އަދި ސިންގަމް އަގެއިން ފަދަ ބޮޑެތި ކާމިޔާބީތަކާއި، ކްރޫ، މުންޖްޔާ އަދި އެހެނިހެން ކުދި ސަޕްރައިޒްތައް ފިޔަވައި، ބަޖެޓު ބޮޑެތި ގިނަ ފިލްމުތަކަށް ހީކުރިވަރުގެ ބޮޑު ކާމިޔާބީއެއް ނުލިބެއެބވެ. ހުމާ ޤުރައިޝީގެ ބޮޑެތި ރިލީޒްތަކުގެ ތެރޭގައި ޓޮކްސިކް އަދި ޖޮލީ އެލްއެލްބީ 3 ހިމެނެއެވެ. އޭނާ މި ފިލްމުތަކާ މެދު ފޯރިއާއެކު އުންމީދުކުރި ނަމަވެސް، މިހާރުގެ ބޮކްސް އޮފީހުގެ ހާލަތުން ކަންކަމަށް އާ ނަޒަރަކުން ބަލަން ޖެހިފައިވެއެވެ.
"އިންޑަސްޓްރީއެއްގެ ގޮތުން، މިހާރު އަހަރެމެން އަމިއްލަ ނަފުސަށް ބަލައި، ވާހަކަތައް ތަފާތު ގޮތަކަށް ކިޔައިދެވޭނެ ގޮތެއް ވިސްނަން ޖެހިއްޖެ. މަޝްހޫރު މީހުން އަހަރެމެންގެ ކިބައިން އެދެނީ ކޮން އެއްޗެއްތޯ ނުވަތަ އެމީހުން ތައްޔާރުވެފައި ތިބީ ކޮން އެއްޗަކަށްތޯ؟ މިހާރު ކުރަމުން އަންނަނީ ސްޓްރީމިން ޕްރޮޖެކްޓްތަކާއި، ބޮޑެތި ފިލްމުތަކާއި އިންޑީ ފިލްމުތަކުގެ މިކްސެއް. އެއީ އަހަރެމެން ކުރަން ބޭނުންވާ ގޮތް! ހުރިހާ ތަނެއްގައި ވެސް އަހަރެމެން ބެޓްތައް ބަހައްޓާނަން." ހުމާ ޤުރައިޝީ މީޑިއާއަށް ބުނެފައިވެއެވެ.
މި އަހަރު، ހުމާ ޤުރައިޝީގެ އެއްވެސް ތިއޭޓަރު ރިލީޒެއް ނެތް ނަމަވެސް، އޭނާއަށް އޯޓީޓީގައި މަހާރާނީ 3 އާއި އަދި ފަހުން މިއްތްޔާ: ދަ ޑާކަރ ޗެޕްޓާ އިން ކާމިޔާބު ލިބިފައިވެއެވެ. ތިއޭޓަރުތަކަށްވުރެ އޯޓީޓީ ތަކުގައި މިއަހަރު އިތުރަށް މަސައްކަތްކުރީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، އޯޓީޓީން ބަޓަނެއް ފިއްތާލުމުން މުނިފޫހިފިލުވުން ލިބެން ހުރުމަކީ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ދެކޭގޮތުގައި އެއީ ތަފާތު ބާވަތެއްގެ ކޮންޓެންޓެއްކަމަށާއި ބައެއް ކަންތައްތައް ބޮޑު ސްކްރީނުގައި ތަޖުރިބާކުރަން ޖެހެނީ އެ ކަންތައްތައް ފިލްމުކޮށްފައިވާ ގޮތުންކަމަށެވެ. އާފަލާއި އޮރެންޖު ފަދައިން، މުޅީން ދެ އެއްޗެއް ވާދަކުރުވަން އުޅޭން ނުޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ. މި ދެ މީޑިއަމްވެސް އަމާޒުކުރެވިފައިވަނީ ތަފާތު ތަޖުރިބާތަކަށް ކަމަށް ބުނެފައިވެއެވެ.
ބޮޑު ސްކްރީނަށް ލޯބި އޮތް ނަމަވެސް، މި އެކްޓަރު އޯޓީޓީއަށް ކްރެޑިޓް ދެނީ އޭނާގެ "އާ އުފެއްދުމަށް"، ހާއްސަކޮށް މަހާރާނީއަށެވެ.