މުނިފޫހިފިލުވުން

އެންޖެލީނާ ޖޮލީގެ ބަދަލުގައި ލާރާ ކްރޮފްޓްގެ ރޯލަށް ސޯފީ ޓާނާ

އާ ލާރާ ކްރޮފްޓެއް ފެނިއްޖެ ކަމަށް ހޮލީވުޑް ހަބަރުތައް ބުނެފިއެވެ. ސޯފީ ޓާނާ ފެނިގެން ދާނީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އަދި ކްރިސްޓަލް ޑައިނަމިކްސްގެ އެޑްވެންޗާ ވީޑިއޯ ގޭމް ޓޫމް ރާޑާގެ އެޑަޕްޓޭޝަންގައި ބްރިޓިޝް އާކިއޮލޮޖިސްޓް ލާރާ ކްރޮފްޓްގެ ރޯލުންނެވެ.

މި ލައިވް-އެކްޝަން ސީރީޒް ލިޔެ އެގްޒެކެޓިވް ޕްރޮޑިއުސަރުކަން ކުރާނީ ފީބީ ވޯލަރ-ބްރިޖް އެވެ. މި ސީރީޒް އެމެޒޯންގެ ޕްރައިމް ވީޑިއޯގައި ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ބަހާރު މޫސުމަށެވެ.

ލާރާ ކްރޮފްޓަކީ އަސްލު ވީޑިއޯ ގޭމް ކެރެކްޓަރެކެވެ. އޭނާއަކީ އައިކޮނިކް ޓޫމް ރާޑާ ސީރީޒްގެ މައިގަނޑު ކެރެކްޓަރެވެ. ކުރިން، އެންޖެލީނާ ޖޮލީ އަދި އެލީޝިއާ ވިކަންޑާ މި ވީޑިއޯ ގޭމް ސީރީޒްގެ ފީޗާ ފިލްމު އެޑަޕްޓޭޝަންތަކުގައި މައިގަނޑު ދައުރު އަދާކޮށްފައިވެއެވެ.

އާ ސީރީޒްގެ މި ދައުރަށް ޓެސްޓުތައް ހެދީ އޮކްޓޯބަރު މަހުގައެވެ. އޭގައި ގިނަ ބްރިޓިޝް އެކްޓްރެސްއިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޓާނާވެސް ހިމެނެއެވެ. މެކެންޒީ ޑޭވިސް (ސްޓޭޝަން އިލެވަން) އަކީ ކުރު ލިސްޓަށް ލެވުނު ހަމައެކަނި އެމެރިކާ އެކްޓްރެސް އެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެމާ މެކީ އަދި ލޫސީ ބޮއިންޓަން (ބޮހީމިއަން ރެޕްސޮޑީ) ވެސް މި ރޯލަށް ޓެސްޓުކޮށްފައިވެއެވެ.

ސޯފީ މަޝްހޫރުވެގެން ދިޔައީ 'ގޭމް އޮފް ތްރޯންސް' ގައި ސާންސާ ސްޓާކްގެ ދައުރު އަދާކުރުމުންނެވެ. އޭނާއަށް މި ރޯލު ލިބުނީ 13 އަހަރުގައެވެ. އޭނާ އެކްސް-މެން ފިލްމުތަކުގައި ޒުވާން ޖީން ގްރޭ/ޑާކް ފީނިކްސްގެ ދައުރުވެސް އަދާކޮށްފައިވެއެވެ. 'ގޭމް އޮފް ތްރޯންސް' އަށްފަހު އޭނާ އަދާކުރި ރޯލުތަކުގެ ތެރޭގައި މެކްސްގެ ލިމިޓެޑް ސީރީޒް 'ދަ ސްޓެއާކޭސް'، ނެޓްފްލިކްސް ފިލްމު 'ޑޫ ރިވެންޖް'، އަދި އައިޓީވީ/ސީޑަބްލިއުގެ މިނި ސީރީޒް 'ޖޯން' ހިމެނެއެވެ. އަދި ޕްރައިމް ވީޑިއޯގެ ކުރިއަށް އޮތް ތްރިލާ 'ހޭވަން' ގައިވެސް އޭނާ ފެނިގެންދާނެއެވެ.