ބޮލީވުޑް

ސަލްމާން ދެން ޕްރިޔަންކާ އާއެކު ފިލްމު ކުޅޭނީ މި ޝަރުތާ އެކު

އަންނަ މަހު ރިލީސްކުރަން ހަމަޖެހިފައިވާ ފިލްމު "ބާރަތް" ގެ ޕްރޮމޯޝަން ތަކުގައި ސަލްމާން ޚާން އަންނަނީ ބައިވެރިވަމުންނެވެ.

ފިލްމުގެ ލީޑް ބަތަލާއަކަށް އެންމެ ފުރަތަމަ ހޮވާފައިވާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އެވެ. ނަމަވެސް ނިކް ޖޯނާސްއާ ކައިވެނި ކުރަން ޕީސީ ވަނީ ފިލްމުން ވަކިވެފައެވެ. ބާރަތް އަކީ މިއަހަރު އެންމެ ގިނަ ހެޑްލައިންތަކަށް އެރި އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ.

ޕީސީ ފިލްމުން ވަކި ވީއްސުރެ ސަލްމާން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުން ޕީސީ ވަކިވީ ފިލްމުގެ ޝޫޓިން ފެށެން ފަސް ދުވަހަށް ވެފައިވަނިކޮށެވެެ.

ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ ޕީސީ އޭނާއާ ބައްދަލުކޮށް ފިލްމަށް ވަގުތު ދެވޭނެ ގޮތް ނޭނގޭކަމަށް ބުނެފައެވެ. އަދި ކައިވެނީގެ ތައްޔާރީތަކަށް ނަގާނެ ވަގުތުވެސް ބުނަން ނޭނގޭކަމަށް ޕީސީ ވަނީ ސަލްމާން ކައިރީ ބުނެފައެވެ. ސަލްމާން އިތުރަށް ބުނީ ފިލްމުގެ ޓްރެއިލާ ނުކުތުމުންވެސް ޕީސީ އޭނާއަށް ގުޅައިނުލާ ކަމަށެވެ.

މީގެ ފަހުން ސަލްމާން، އެއްވެސް ވަރަކަށް ޕީސީ އާއެކު ފިލްމު ނުކުޅޭނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރަމުން ސަލްމާން ބުނީ ޕީސީ އާއެކު އޭނާއަށް އަދިވެސް ފިލްމެއް ކުޅެވިދާނެކަމަށެވެ. ނަމަވެސް އެއީ ޝަރުތަކާ އެކުއެވެ.

ސަލްމާން ބުނި ގޮތުގައި އޭނާ ޕީސީ އާއެކު ދެން ފިލްމެއް ކުޅޭނީ އެކުޅޭ ފިލްމެއްގެ ރޯލުގެ މޮޅު ކަމަށް ބަލާފައެވެ. އަދި އެ ފިލްމުގެ ވާހަކަވެސް އޭނައަށް ކަމުދާން ޖެހޭނެކަމަށެވެ.

ސީޕީ އަދި ސަލްމާން ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި މުޖްސޭ ޝާދީ ކަރޯގީ، ގޯޑް ތުސީ ގްރޭޓް ހޯ އަދި ސަލާމޭ އިޝްގު ހިމެނެއެވެ.