ދީން

އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން: މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް 8

އަބްދުﷲ ފާރޫގް ހަސަން

(8 ނޮވެމްބަރުގެ އަދަދާގުޅޭ)

عــلاّمـــة زمخــشـــرى މި ބަސްފުޅު ޝަރަޙަކުރައްވަމުން ލިޔުއްވައިފައިވެއެވެ.

"މި ބަސްފުޅުގެ މާނައަކީ މަޔަކުބަފަޔަކުގެ ފަރާތުން ތިޔަބައިމީހުން ނުރުހޭކަމެއް ފެނުނުކަމުގައިވިޔަސް އެމީހުނާ ބަދުބަހުން މޮށެކިޔައި އެއްޗެހިކިޔައި ނަހަދާށޭ އެންގެވުމެވެ."

إمـــام عــلــــــى بــــن أبــــــى طــالـب رضـــــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްފަހަރަކު ބަޔަކު މީހުންގެ ނަންތައް ވިދާޅުވެފައި ޙަދީސުކުރެއްވިއެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ރަޙްމަތްފުޅުން އެބައިމީހުން ދުރުކުރައްވާނެއެވެ. އޭގެތެރެއިން އެކަކީ މައިންބަފައިންނާ ހުތުރުބަހުން ވާހަކަދައްކައި ބަދުބަސް ބުނެފައިވާ މީހެކެވެ. لــعـــن اللّــــه مـــن لــعـــن والــديـــه

މައިންބަފައިންނަށް ލަޢުނަތްދީފައިވާ މީހާއަށް މާތް اللّــــه ލަޢުނަތް ލައްވާނެއެވެ. (ޞަޙީޙު މުސްލިމު)

މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ވާހަކަދައްކާން އަމުރުކުރެއްވުން

ޙަވާލާދެމުން މިގެންދާ މާތް ދެ އާޔަތުގައި މައިންބަފައިންނާ ބެހޭގޮތުން އަމުރުކުރައްވާ ތިންވަނަކަމަކީ މަޑުމޮޅިކަމާއި ލޯތްބާއި އަދަބުވެރިކަމާއެކު އެބައިމީހުނާ ވާހަކަ ދެއްކުމެވެ. عــلاّمـــة إبـــن كــثيــــــر رحـمــــه اللّـــه "قــولاً كــــريمـــاً" މި ބަސްފުޅު ޝަރަޙަކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"قــولاً كــــريمـــاً މި ބަސްފުޅުގެ މުރާދަކީ އަދަބު އިޙްތިރާމާއި ކަމޭހިތުމާއެކު މާތްބަހުން ރީތިކޮށް އެބައިމީހުނާ ވާހަކަދެއްކުމެވެ. (إبـــن كــثيــــــر، تــفسيــر الــقــــرآن الـعـظـيـــم: 3/1358)

މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ سـعـيـد بـــن المسيّب رحـمــــه اللّـــه ވަނީ އެކަލޭގެފާނުގެ ދަރިވަރަކަށް އެބަސްފުޅު ވަރަށް ފުރިހަމަ ތަޢުބީރަކުން ޝަރަޙަކޮށްދެއްވައިފައެވެ. އެކަލޭގެފާނުގެ ދަރިވަރެއް އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. "މައިންބަފައިންނަށް މާތްކޮށް ހިތުމާއި ހެޔޮކޮށްހިތުމާ ބެހޭގޮތުން އަރަހުށި މާތް اللّـــه ކީރިތި ޤުރްއާނުގައި ދެއްވައިފައިވާ އިރްޝާދުތައް އަޅުގަނޑަށް ވަނީ ރަނގަޅަށް މޭރުންކުރެވިފައެވެ. ފަހުމުވެފައެވެ. އެކަމަކު "وَقُــلْ لَهـُمَــا قــولاً كــــريمـــاً" މިބަސްފުޅުން އަރަހުށި މާތް اللّـــه މުރާދުކުރައްވަނީ ކޮންކަމެއްކަން އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ. އޯގާވެރިކަމާއެކު އެބަސްފުޅު އަޅުގަނޑަށް ޝަރަޙަކޮށްދެއްވުން އެދެމެވެ. سـعـيـد بـــن المسيّب رحـمــــه اللّـــه ޖަވާބުދެއްވައެވެ."

"އެބަސްފުޅުގެ މަފްހޫމަކީ ކުށްވެރިވެފައިވާ އަޅަކު އޭނާގެ ހަރުކަށި މިޒާޖުގެ ރުޅިގަދަ ސާހިބުމީހާއާ ވާހަކަ ދައްކާނެގޮތަށް އެ ދެމީހުނާ ވާހަކަ ދެއްކުމެވެ." (تــفسيـــرقـــرطـبــــى: 10/234)

އިންތިހާދަރަޖަޔަށް އަދަބު ތަޢުޒީމް އަދާކޮށް އިޙްތިރާމްކުރާން ބާރުއެޅުއްވުން

މި މާތް ދެ އާޔަތްތަކުގައި ބާރުއަޅުއްވާ ހަތަރުވަނަ ކަމަކީ މައިންބަފައިންނާމެދު އިންތިހާދަރަޖައިގެ އޯގާވެރިކަމާއެކު މުޢާމަލާކުރުމެވެ. އިންތިހާދަރަޖަޔަށް އަދަބުއަދާކުރުމެވެ. އިޙްތިރާމު ކުރުމެވެ. އެބައިމީހުންގެ ކުރިމަތީގައި ތަވާޟުޢުވެރިކަން އިޚްތިޔާރުކުރުމެވެ. އެކަމަކަށް ބާރުއެޅުއްވުމަށްޓަކައި އިޚްތިޔާރު ކުރައްވައިފައިވަނީ އިންތިހާދަރަޖައިގެ ބަލާޣަތްތެރި ތަޢުބީރެކެވެ. ވަޙީކުރައްވައިފައިވަނީ:

وَاخْـفِـضْ لَــهُــمَا جَــنَـــاحَ الــذُّلِّ مِــــنَ الـــرَّحْـمَـــةِ މިފަދައިންނެވެ. عــلاّمـــة قــرطـبــــى رحـمــــه اللّـــه ވިދާޅުވެފައިވެއެވެ.

"މިއީ އިސްތިޢާރާއެކެވެ. ލަފުޒެއްގެ ޙަޤީޤީ މާނަޔާއި މަޖާޒީމާނައާ ދެމެދުގައި އެއްގޮތްކުރެއްވުމެއް ޚިޔާރުކުރެއްވުމެވެ. އަންގަވަނީ މައިންބަފައިންނާމެދު އިންތިހާދަރަޖައިގެ ލޯތްބާއި ކުލުނާއި ދީލަތިކަމާއެކު މުޢާމަލާކުރުމަށެވެ. އެބައިމީހުންގެ ކުރިމަތީގައި ކިޔަމަންތެރިކަމާއެކު ބޯލަނބައިގެން އުޅުމަށެވެ. ރައްޔިތުން އެބައިމީހުންގެ ވެރީންނަށް ބޯލަނބައި ކިޔަމަންވާ ފަދައިންނެވެ. އަޅުން އެބައިމީހުންގެ ސާހިބުންގެ ކުރިމަތީގައި ގުދުވެ ބޯތިރިކޮށް އަދަބުވެރިވެގެން އުޅޭފަދައިންނެވެ." (إبـــن كــثـــيــــر، تــفسيـــرالــقـــرآن الـعـظـيـــم،: 10/243، 244)

މި މާތް ދެއާޔަތުގެ ބަލާޣަތްތެރިކަން ބަޔާންކުރައްވަމުން عــلاّمـــة قــفّــال ލިޔުއްވައިފައިވެއެވެ.

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އަމުރުކުރައްވައިފައި އެވަނީ މައިންބަފައިންގެ ކުރިމަތީގައި އިންތިހާދަރަޖަޔަށް ތަވާޟުޢުވެރިވެ ބޯލަނބައި ކިޔަމަންވުމަށެވެ. އެހެންކަމުން އަންގަވައިފައި އެވަނީ އެބައިމީހުންގެ ކުރިމަތީގައި ކުލުނާއި މަޑުމައިތިރިކަމުގެ ފިޔަ ތިރިކޮށްލުމަށެވެ. މި އިސްތިޢާރާގައި ދެބައެއްވަނީ އެކުލެވިފައެވެ. އެއްކަމަކީ ދޫނިސޫފާސޫފި އެސޮރުމެންގެ ދަރީންނަށް އޯގާވެރިވެ ޙިމާޔަތްކުރުމުގެގޮތުން ދެފިޔަ މޯޅިކޮށްލައި ފިޔަދަށުލާ ފަދައިން މައިންބަފައިން ތިމާގެ ވަރަދަށުގައި ގާތުގައި ބައިތިއްބައިގެން ލޯތްބާއި އަދަބު އިޙްތިރާމާއި ކުލުނާއި ހަންހާރަވެތިކަމާއެކު ބެލެހެއްޓުމެވެ. މިއީ ރިވެތިގޮތުގައި އަޅައިލައި ބެލެހެއްޓުމުގެ މާނައިގައި ހިމެނޭކަމެކެވެ. މައިންބަފައިން ދަރީންގެ ޅަފަތުގައި އެބައިމީހުންގެ ގާތުގައި ބައިތިއްބައިގެން ހަންހާރަވެތިކަމާއި ކުލުނާއެކު އަޅައިލައި ބެލެހެއްޓި ފަދައިން އެބައިމީހުން ބަލަހައްޓާށޭ އެންގެވުމެވެ. މައިންބަފައިން ދަރީންގެ ޅަފަތުގައި އެބައިމީހުން ފިޔަދަށުލައި ޙިމާޔަތްކޮށް "ކާޅުފުރައިން އަރާންދެން" ވެސް އަދި ދަރީންގެ "ފައިއިނދޭ ދެން" ބެލެހެއްޓި ފަދައިންނެވެ. މަސައްކަތުގެ މައިދާނަށް ނުކުމެ ވާދަވެރިކަމާއި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބޭންދެން ބެލެހެއްޓި ފަދައިންނެވެ. ދޫނިސޫފާސޫފި އުދުހޭން ބޭނުންވުމުން ފިޔަހުޅުވައިލައެވެ. އުދުހޭން ބޭނުން ނޫންނަމަ ފިޔަ މޯޅިކޮށްލައްޕައިލައެވެ. އެއީ ތަވާޟުޢުވެރިކަން އިޚްތިޔާރުކުރުމުގެ ކިނާޔަތެއް ފަދައެވެ." (تــفسيـــركـبــيـــر: 10/156، الـبـحــــر المـحيط: 6/34)

އެންމެ ފުރިހަމަޔަށް ޚިދުމަތްކުރުމުގެ އަމުރުފުޅު

މި މާތް ދެއާޔަތުގައި އަމުރުކުރައްވާ ފަސްވަނަ އަދި އެންމެފަހުކަމަކީ ދަރީން ކުޑައިރު އެކުދީންގެ ޅަފަތުގައި ބަލައިބޮޑުކޮށް ބަލަހައްޓައި "ފިޔަފެޅުވުމުގައި" މައިންބަފައިން އުފުލި ތަކުލީފާއި ބުރައާއި ތުރާތައް ދަރީން ހަނދާންނައްތައިނުލައި އަބަދުމެ ހަނދާން ބަހައްޓާންޖެހޭނެކަމެވެ. މައިންބަފައިންނަށްޓަކައި ތާއަބަދު ހެޔޮދުޢާކުރާން ޖެހޭނެކަމެވެ.

"وَقُــل رَبِّ ارْحَـمْـهُــمَـــا كَــمَــا رَبَّـــيَـــانـِــى صَــغِـــيْــــرًا" عــلاّمـــة قــرطـبــــى މިބަސްފުޅުގެ ޝަރަޙައިގައި ލިޔުއްވައިފައިވެއެވެ.

"އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވަނީ ރަޙުމާއި ކުލުނާއި އޯގާވެރިކަމާއި ދީލަތިކަމާއެކު މައިންބަފައިންނާ މުޢާމަލާކުރާށެވެ. އެބައިމީހުންނަށްޓަކައި ހެޔޮދުޢާ ކުރަމުން ގެންދާށެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ހުރިހައި އަޅުތަކުންނާ މުޚާޠަބުކުރައްވައި އަންގަވަނީ އެބައިމީހުންގެ މައިންބަފައިން އެބައިމީހުނާމެދު މުޢާމަލާކުރި ފަދައިން ހިތުލޯތްބާއި ކުލުނާއި ޚިދުމަތުގެ ޙަޤީޤީ ރޫޙުގައި އެބައިމީހުންނަށް ޚިދުމަތްކުރުމަށެވެ. ތިޔަބައިމީހުންނަކީ (ދަރީންނަކީ) ތިޔަބައިމީހުންގެ ޅަފަތުގައި "ކަމެއްނެތް ނަމެއްނެތް ބަޔެކެވެ." އެހީތެރިކަމަށް އިންތިހާއަށް މުހުތާދުވެފައިތިބި ބަޔެކެވެ. މައިންބަފައިން އެބައިމީހުންގެ އަމިއްލަ ނަފުސުގެ މައްޗަށް ތިޔަބައިމީހުންނަށް އިސްކަންދިނެވެ. ރޭގަނޑު ލޮލުފިޔަ ނުޖަހައި ތިބެގެން ތިޔަބައިމީހުންނަށް ޚިދުމަތްކުރިއެވެ. އެބައިމީހުން ހައިހޫނުކަމުގައި ތިބެގެން ތިޔަބައިމީހުންނަށް ބަނޑުފުރައި ކާންދިނެވެ. މައިންބަފައިންގެ އަންނައުނު ބާވެފައިވާއިރުވެސް ތިޔަބައިމީހުންނަށް ރީތި އަންނައުނު ހޯދައިދިނެވެ. މިހާރު ތިޔަބައިމީހުންނަށް ހަމަ އެގޮތަށް މައިންބަފައިންނަށް ބަދަލު ދެވޭނެއެވެ. އެބައިމީހުންގެ މުސްކުޅި ޙާލަތު އެވަނީ ތިޔަބައިމީހުން ޅަފަތުގައި ތިބި ޙާލަތަށް އެބައިމީހުން ގެންގޮސްފައެވެ. އެހެންކަމުން މައިންބަފައިން ތިޔަބައިމީހުންގެ ޅަފަތުގައި ތިޔަބައިމީހުނާ މުޢާމަލާ ކުރިގޮތަށް މިއަދު ތިޔަބައިމީހުންވެސް އެބައިމީހުނާ މުޢާމަލާކުރާށެވެ." (تــفسيـــرقـــرطـبــــى: 10/244)

މައިންބަފައިން އުފަލުގައި ބައިތިއްބާން މަސައްކަތްކުރުން

މައިންބަފައިންގެ ޙައްޤުތަކާ ބެހޭގޮތުން ކީރިތި ޤުރްއާނާއި އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީސުފުޅުތަކުގައި ދެއްވައިފައިވާ ތަޢުލީމާތުގެ ޚުލާޞާއަކީ މައިންބަފައިންގެ ހުރިހައި އަމުރުތަކަކަށް އަހައި ކިޔަމަންވުމެވެ. އެބައިމީހުން ނުރުހޭގޮތަކަށް އެއްވެސްކަމެއް ނުކުރުމެވެ. ތިމާމެންގެ ޠަބީޢަތަށް ކިތަންމެ ބުރަގޮތަކަށް ވިޔަސްވެހެވެ. އެބައިމީހުން ރުހޭގޮތަށް ކަމެއްކުރުމުން ކިތަންމެބޮޑު ނުގުސާނެއްވުމުގެ އެކަށޭނަކަން އޮތްކަމުގައިވިޔަސް ވެހެވެ.

(ނުނިމޭ)