މަނީ ލޯންޑަރިންނާ ގުޅޭ ގޮތުން ކޮށްފައިވާ ދައުވާ ތަކަށް އިންކާރުކޮށް އެ ހަދިޔާތައް ލިބިފައިވާ ގޮތް ނޭނގޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ޖެކުއިލިން ފެނާންޑެސްގެ ފަރާތުން ކޯޓުގައި ބުނެފިއެވެ. މިދިޔަ ބުދަ ދުވަހު ދިއްލީ ހައިކޯޓުން ވަނީ ޖެކުއިލިންފަރާތުން ހުށަހެޅި ބައެއް ވާހަކަތައް އަޑުއަހައިފައެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 200 ކްރޯޑު ރުޕީސްގެ މަނީ ލޯންޑްރިން މައްސަލައެއްގައެވެ. ކޯޓުގައި އޭނާގެ ވަކީލުން ބުނެފައިވަނީ، ލިބުނު ހަދިޔާތަކަކީ ކުށުގެ އަމަލަކުން ލިބުނު ފައިދާގެ ބައެއް ކަމަށް ޖެކުއިލިން އަށް އެނގިފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި ޖެކުއިލިންގެ ވަކީލުން އިތުރަށް ބުނެފައިވަނީ، އޭނާއަށް ލިބުނު ހަދިޔާތަކުގެ އަސްލު އެނގިފައި ނުވާކަމާއި ފައިސާ ދޮވުމުގެ ކުށެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ނޮވެމްބަރު 26 އަށްވެސް ވަނީ ތާވަލު ކޮށްފައެވެ.