ސެމްސަންގ ގެލެކްސީ އެސް10ގެ އާ ފޯނުގެ މައުލޫމާތު ލީކުވެއްޖެއެވެ.
ޓެކްނުލޮޖީގެ ހަބަރު ގެނެސްދޭ ވެބްސައިޓް ވިން ފިއުޗަރ އިން ލީކު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ސެމްސަންގ އެސް 10 އަދި އެސް 10 ޕްލަސްގެ އާ ކުލަތަކެއް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސެމްސަންގ އެސް 10 އަދި އެސް 10 ޕްލަސްގެ ރަތްކުލައިގެ ފޯން ތައާރަފްކުރަން އުޅޭކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ.
"ކާޑިނަލް ރެޑް" ކުލައިގެ އެސް 10 އަދި އެސް 10 ޕްލަސްގެ އިތުރުން ސެމްސަންގ އިން މާކެޓަށް ނެރެފައިވާ ބަޖެޓް ފޯނު އެސް10އީ ގެ ފޯނު ނެރެން އުޅޭކަމުގެ މައުލޫމާތު ވަނީ ފެތުރިފައެވެ.
ސެމްސަންގ އިން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ފޯނުތައް ނެރޭނީ ކޮންއިރަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ހާއްސަކޮށް ކޮން ގައުމުތަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ސެމްސަންގ އިން ތާރަފްކުރި އެސް9 ގެ ރެޑް އަދި ގޯލްޑް ފޯނު ވެސް ހާއްސަ ކުރީ ވަކި ގައުމުތަކަކަށެވެ. އެގޮތުން ގޯލްޑް ފޯނު ތާރަފްކުރީ ހަމައެކަނި އެމެރިކާގެ މާކެޓަށެވެ. އަދި ރެޑް ފޯނު ތައާރަފްކުރީ ޗައިނާ އަދި ކޮރެއާ އަށެވެ.
ލީކުވެފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކަކަށް ވެއްޖެނަމަ ސެމްސަންގ އެސް10 ގެ ކުލަތައް ފަހަކަށް އިތުރުވެގެން ދާނެއެވެ. މިހާރު ވެސް މާކެޓުގައި އެސް10 ގެ ހަތަރު ކުލައެއް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ.