ބޮލީވުޑް

ވަރުން ދަވަން އަދި ނަތާޝާ ޑިސެމްބަރުގައި ކައިވެނި ކުރަނީ

ވަރުން ދަވަން އަދި ނަތާޝާ ދާލް އަކީ މީސް މީޑިއާގައި އެންމެ ގަދައަށް ވާހަކަ ދެކެވޭ ދެ ބައިވެރިންނެވެ.

އެތައް އަހަރަކު ރައްޓެހިވެގެން އުޅުމަށްފަހު މިދެބައިވެރިންވެސް މިހާރު މިވަނީ ކައިވެނި ކުރަން ނިންމާފައެވެ. ނަތާޝާ އާ ރައްޓެހިވެގެން އުޅޭކަމަށް ވަރުން ރަސްމީކޮށް އެއްބަސްވީ މީހެ ދޮޅު އަހަރު ދުވަސް ކުރިންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ކައިވެނީގެ ވާހަކަ ދެކެވޭއިރަށް އޭނާވަނީ އިންކާރުކޮށްފައެވެ.

މީގެ ކުރިންވަނީ ދެބައިވެރިން މިއަހަރު ނޮވެމްބަރުގައި ކައިވެނި ކުރާ ވާހަކަތަކެއްގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް ފިލްމު "ކަލަންކް" ގެ ޕްރޮމޯޝަނުގައި ވަރުންވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.

ވަރުންގެ ގާތް ފަރާތަކުން އިންޓަވިއުދިން ގޮތުގައި ދެބައިވެރިންނާ އެމީހުންގެ އާއިލާއިން މިހާރު ވަނީ ޑިސެންބަރުގައި އެދެބައިވެރިންގެ ކައިވެނި ކުރާގޮތަށް ހަމަޖައްސާފައެވެ. ފަހަރެއްގައި ގައުމުން ބޭރުގައި ކައިވެނި ކުރުން އެކަށީގެންވި ނަމަވެސް މިވަގުތު އެކައިވެނި ކުރަން ނިންމާފައިވަނީ ގޯއާ ގެ ބީޗުގައިކަމަށް އޭނާ ވަނީ ބުނެފައެވެ.

ކައިވެންޏަށް ދައުވަތު ދޭނީ އެމީހުންގެ އެންމެ ގާތް ރައްޓެހިންނާއި އާއިލާ އަދި އިންޑަސްޓްރީގެ ބައެއް ފަރާތްތަކަށް ކަމަށްވެއެވެ.