މުނިފޫހިފިލުވުން

ޝާހުގެ މަގުބޫލު ފިލްމު ބާޒީގަރްގެ ދެވަނަބައެއް އުފައްދަނީ

ބާޒީގަރް" ގެ ދެވަނަ ބައެއް ހެދުމާ ގުޅޭގޮތުން ޝާހުރުކް ޚާނާއެކު މަޝްވަރާތައް ކުރިއަށްދާކަން ޕްރޮޑިއުސަރު ރަތަން ޖައިން ޔަގީންކޮށްދީފިއެވެ. މިހާތަނަށް ވަކި ޕްލޭނެއް ނުވަތަ ސްކްރިޕްޓެއް ނެތްނަމަވެސް، ޝާހު މައި ރޯލުގައި ހުރެގެން މެނުވީ މި މަޝްރޫއު ކުރިއަށް ނުގެންދާނެކަމަށް ޖައިން ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ މިއީ ވަރަށް ފޮނި ހިޔާލެއް ނަމަވެސް، މި ފިލްމުގެ ފޭނުންގެ އުއްމީދުތަކަށް ބަލާއިރު، އަސްލު ފިލްމުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި ވަރުގަދަ ސްކްރިޕްޓަކާއި އާ ދިމާއަކަށް ދަތުރުކުރާ ގޮތަށް ހަދަން ޖެހޭނެ އެވެ. "އަހަރެމެން އަބަދުވެސް ޝާހުއާއެކު ބާޒީގަރް ދެއަކާ ބެހޭގޮތުން ވާހަކަދައްކަމުން ގެންދަން. އެކަމަކު މިހާތަނަށް މާގިނަ ކަމެއް ކުރެވިފައެއް ނުވޭ. ހަމަ ޔަގީނުންވެސް އެ ފިލްމު ހަދާނަން،" ޕްރޮޑިއުސަރު ރަތަން ޖައިން އީޓައިމްސްއަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

1993 ގައި ރިލީޒްކުރި، އައްބާސް-މުސްތާން ޑައިރެކްޓްކުރި "ބާޒީގަރް" އަކީ ޝާހުގެ ކެރިއަރުގައި ވަރަށް މުހިންމު ފިލްމެކެވެ. އޭނާ އެ ފިލްމުގައި ކުޅެފައިވާ އަނދިރި އަދި ބޮޑު ކެރެކްޓަރުގެ ސަބަބުން ބޮޑު މަގުބޫލުކަމެއް ލިބިފައިވެއެވެ.

ފުރަތަމަ މި ފިލްމު ހުށަހެޅިފައިވަނީ އަނިލް ކަޕޫރަށެވެ. ނަމަވެސް "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" ފިލްމުގެ ތާވަލަށް ފުށުއެރުމުގެ ސަބަބުން އޭނާ އެ ފިލްމު ކުޅުމަށް އިންކާރުކުރިއެވެ.

އަނިލް ކަޕޫރަށްފަހު ސަލްމާން ޚާނަށް މި ފިލްމު ހުށަހެޅުނެވެ. ނަމަވެސް ސަލްމާންގެ ބައްޕަ ސަލީމް ޚާން، ސްކްރިޕްޓުގައި ހުރި އަނދިރި ކުލަވަރުތަކާމެދު ހިތްހަމަނުޖެހުމުގެ ސަބަބުން އެންމެ ފަހުން މި ފިލްމު ޝާހުއަށް ލިބުނީއެވެ. "ކިލާޅީ" ފަދަ ތްރިލާ ފިލްމެއް ކުޅުމަށް ޝާހު ވަރަށް ޝައުގުވެރިވެފައި ހުރުމުން، އޭނާ މި ޕްރޮޖެކްޓަށް އެއްބަސްވިއެވެ.

މި ފިލްމުގެ ސަބަބުން ބޮލީވުޑުގައި އެންޓި-ހީރޯ ރޯލުތަކަށް މަގުފަހިވެގެން ދިޔައެވެ.