މިނިސްޓަރު އިމްރާން އަބްދުﷲ

ގައިދީންނަށް ފޮތްކިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ ހެޔޮބަދަލު ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއް: އިމްރާނު

ގައިދީންނަށް ފޮތްކިޔުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދިނުމަކީ ޖަލަށް ހެޔޮބަދަލުގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް، ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލަށް ހެޔޮބަދަލު ގެނައުމަށް ފެށޭ ހިސާބަކީ އިތުރު މައުލޫމާތާއި، އިލްމު ލިބިގަތުން ކަމަށާއި އިލްމާއި މައުލޫމާތު ލިބިގަތުމުގެ އެންމެ މުހިއްމު ވަސީލަތަކީ ފޮތްކިޔުންކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ވިސްނުމަށް ހެޔޮބަދަލު ގެނައުންކަމަށް ވިދާޅުވިއެވެ.

އެގޮތުން ޖަލުތަކާ ހަވާލުވެތިބޭ މީހުންގެ ވިސްނުމާއި، ޖަލުތަކުގައި ބަންދުކުރެވޭ ގައިދީންގެ ވިސްނުމަށްވެސް ހެޔޮބަދަލު ގެންނަން ޖެހޭކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމާއި، އެމަނިކުފާނު ދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުހައްމަދު ސޯލިހަށް މިނިސްޓަރު އިމްރާން ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން ކަރެކްޝަންގެ އޮފިސަރުންނާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ވެސް މިނިސްޓަރު އިމްރާން ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީ މުއްސަނދިކުރުމަށް ގިނަ ފޮތްތަކެއް ބޭނުންވާ ކަމަށާއި، އެކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އުއްމީދުކުރައްވަނީ ހުރިހާ ޖަލުތަކެއްގައިވެސް އެކަށީގެންވާ ލައިބްރަރީތަކެއް ގާއިމްކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.