ރިޕޯޓް

ޑްރަގް ގާނޫނަށް ގެންނަ އިސްލާހުތައް: "ބިތްޖެހިފައިވާ" ޒުވާން ޖީލެއް ސަލާމަތްކުރުމުގެ އުއްމީދު!

މުހައްމަދު އިޝާން

1

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އެންމެ ގިނަ މީހުން އަރައިގަންނަނީ ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށެވެ. ކޯޓުތަކަށް އެންމެ ގިނައިން ހުށަހަޅާ އަދި ކޯޓުތަކުން އެންމެ ގިނައިން ނިންމާ މައްސަލަތަކަކީ ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސައެވެ.

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން 31 ޑިސެމްބަރު 2011 ގައި "މަސްތުވާތަކެއްޗާބެހޭ ގާނޫނު" އަށް އަމަލުކުރަން ފެށިއެވެ.

"މަސްތުވާތަކެއްޗާބެހޭ ގާނޫނު" ވުޖޫދަށް ގެނައުމުގެ އެންމެ މުހިންމު މަގުސަދަކީ މަސްތުވާތަކެއްޗާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުމެވެ.

ނަމަވެސް މިހާ ހިސާބަށް އައިއިރު، ގާނޫނުގެ އެންމެ މުހިންމު މަގުސަދުތައް ހާސިލުވިތޯ ސުވާލު އުފެދެއެވެ. ކިތަންމެ ވަރަކަށް ޑުރަގް ނެޓްވޯކުތައް މުށުތެރެއަށްލައި ފިތާލަން އުޅުނަސް މުށުތެރެއިން ދޫވެގެންދަނީއެވެ. މަސްތުވާތަކެއްޗަކީ ހާއްސަ ގާނޫނަކަށް ނުވުމުން ހެކި ހޯދުމާއި މީހުން ހައްޔަރުކުރުމާއި ތަހުގީގު ކުރުމާއި ބަންދުގެ ކަންތައް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެ ގާނޫނު އޮތްގޮތުގެ ސަބަބުން ޑްރަގް އޮޕަރޭޝަންތަކާއި ޑްރަގް މައްސަލަތަކުގައި ފުލުހުންނަށް އެތައް ގޮންޖެހުމެއް ދިމާވެއެވެ. ރާއްޖެއަށް ޑްރަގުގެ ބޮޑެތި ޝިޕްމެންޓުތައް އެތެރެކުރަނީ ކަނޑުމަގުން ކަމަށްވާއިރު އެންޓި ޑްރަގް އޮޕަރޭޝަންތައް ހިންގުމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަކީ ފުލުހުންނަށް ފަސޭހަކަމަކަށް ނުވެއެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ ކޯޓު އަމުރެއް ހޯދަން ޖެހެނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް މަސްތުވާތަކެތި ގެންގޮސްފިނަމަ ކުރިން ނެރުނު އަމުރުގެ ބާރު ކެނޑިގެންދެއެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އޮތްގޮތުގެ ސަބަބުން ދިމާވާ އެއް ދަތިކަމެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން އެންމެ ފަސޭހައިން ދެމިގަނެގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ "ލޫޕް ހޯލް"ތަކުގެ ބޭނުން ކޮށްގެނެވެ. ޖިނާއީ މައްސަލަތަކުގައި ހެކި ހޯދުމާއި ހައްޔަރުކުރުމާއި ބަލައި ފާސްކުރަން ހާއްސަ އިޖުރާއަތުތަކެއް ކަނޑައަޅައިފައިވާއިރު އެއިން އެއްވެސް އިޖުރާއަތެއް ގޯސްކޮށް ހިންގައިފި ނަމަ މުޅި މައްސަލަ ބާތިލުވާ ހިސާބަށް ކަންތައް ގޮސްފައި އެބަހުއްޓެވެ. ޑްރަގުގެ ބޮޑެތި ބައެއް މައްސަލަތަކުގައި ހެކި ހޯދުމުގައި ފުލުހުން އަމަލުކޮށްފައިވާ އިޖުރާއަތު ގޯސްވުމުން އެތައް ބަޔަކު މިނިވަންވެފައިވެއެވެ. އެއް މިސާލަކީ ފުލުހުން 2019 ވަނަ އަހަރުގެ އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ވެސް ތުހުމަތުވާ ފަރާތްތައް ސަލާމަތްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުން އުފުލަންޖެހޭ ޒިންމާ އަދާނުކުރެވުމުގެ ސަބަބުންނެވެ.

ފުލުހުން ތަހުގީގު މަރުހަލާގައިވާ ހަދައިފައިވާ ގޯސްތަކަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު "އެކްސްޕްލައިޓް" ކޮށްގެން އަދަބުން ސަލާމަތްވާތީ އިސްތިއުނާފީ ކޯޓުތަކުން ވަނީ އެކަންކަމަށް ހައްލު ވެސް ހޯދައިދީފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައިފައެވެ. އޭގައިހުރި ބައެއް އިސްލާހުތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލައަށް ފާހަގަކުރެވޭ ފަދަ ހައްލެއް ހޯދިދާނެ ކަމަށް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވައެވެ.

ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފައިވާއިރު ގާނޫނުގެ މަގުސަދުތައް ވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ގާނޫނުގެ މަގުސަދުގެ ގޮތުގައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ މިންވަރު މަދުކުރުމެވެ، އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި ހުއްޓުވުމަށްޓަކައި، މަސްތުވާތަކެތީގެ ޓްރެފިކްކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރާ މީހުން ފާހަގަކޮށް، އެ މީހުންނަށް ސީދާ އަމާޒުވާގޮތަކަށް އެކިއެކި ފިޔަވަޅުތައް އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ގާނޫނު ތަންފީޒކުރާ ފަރާތްތަކަށް ހާއްސަ ބާރުތައް ދިނުމެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ބޭނުންކުރާ އިތުރު ފަރާތްތައް ދެނެގަނެ އޭގެ ތެރޭގައި ހިމެނޭ އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އެހެންކަމުން ގާނޫނުގެ މަގުސަދު މިވަނީ ބޮޑުތަނުން ފުޅާވެފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ޓްރެފިކްކުރަން އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. މަސްތުވާތަކެތި ޓްރެފިކް ކޮށްފިކަން ޝަރީއަތަށް ސާބިތުވާ މީހަކަށް އަންނާނެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ފެށިގެން 10،000،000 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމަށް އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެކަން ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ނަމަވެސް އަލަށް ގެންނަ އިސްލާހުގައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެކަން ކުރުމަށް އެހީވެދިނުމުގެ ގޮތުން ކުރާ ކަންތަކަކީވެސް މަސްތުވާތަކެތި ޓްރެފިކް ކުރުން ކަމުގައި ހިމަނައިފައެވެ. އެގޮތުން ހިމަނައިފައިވާ ކަންކަމަކީ ވިޔަފާރިކުރުމަށްޓަކައި މަސްތުވާތަކެތި ސްމަގްލްކުރުން، މަސްތުވާތަކެތި އުފެއްދުން، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭސްކުރުން، މަސްތުވާތަކެތި ޓްރެފިކްކުރުން ކަމަށް ބެލެވޭ މިންވަރު ކަމަށް ގާނޫނުގައި ކަނޑައަޅައިފައިވާ މިންވަރަށް ނުވަތަ އެެއަށްވުރެ ގިނައިން އަތުގައި ހުރުމާއި ގެންގުޅުމާއި ހިދުމަތެއްގެ ގޮތުގައި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަޑިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

އިސްލާހުގައި އިތުރަށް ހިމަނައިފައިވަނީ އެކަކަށްވުރެ ގިނަ މީހުނަށް އެނގިގެން، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެ ކަމަށެވެ.

މި އިސްލާހާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވި ގާނޫނީ ވަކީލަކު ވިދާޅުވީ ސަރުކާރުން ހުށަހަޅައިފައިވާ ގޮތަށް އެ އިސްލާހު ފާސްވެއްޖެނަމަ މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ޓްރެފިކްކުރާ މީހުންނަށް އަދަބުން ރެކިގެން ދިއުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޑްރަގް ނެޓްވޯކުތަކުން ގެންގުޅެނީ ފަޅާއެރުމުން އެކަކު ޖާމިނުކޮށްފައި ދެން ތިބި އެންމެން ސަލާމަތްވުމުގެ އުކުޅު ކަމަށެވެ. ޑްރަގުގެ ބޮޑެތި ކޭސްތަކުގައި އެކަން އެގޮތަށް ހިނގާކަން ފާހަގަވެގެން މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކެއް ވެސް އައިސްފައި އެބަހުރި ކަމަށް އެ ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ޑްރަގް ނެޓްވޯކުތަކުގައި ގިނަ އަދަދެއްގެ މީހުން ޝާމިލުވާ ކަމަށެވެ. ކޮންމެ މީހަކަށް ވެސް އޮންނަނީ ހާއްސަ ޓާސްކެއް ކަމަށާއި އެ ޓާސްކުނޫން އެހެން ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

"ޑްރަގްސް ފޮރުވުން، ޓްރާންސްޕޯޓް ކުރުން، ކަނޑުމަތިން ނޫނީ އެހެންތަނަކުން ވިޔަސް ބަލައި ދިއުމަށް ވަކި ބައެއް، ޓްރާންސްޕޯޓް ވެހިކަލްސް ހަމަޖައްސަން ވަކިބައެއް، ވަރަށް ބޮޑަށް ޑީސެންޓްރެލައިޒްކޮށް ނެޓްވޯކް އޮޕަރޭޓް ކުރަނީ، އެއިރުން ވާގޮތަކީ ފުލުހުންނަށް މުޅި ނެޓްވޯކް އަތުލައިގަންނަން އުނދަގޫވާނެ. ދެން ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތީގެ މިންވަރު ދަށްކުރުން، އެންމެން އަތަކު ހުރިހާ އެއްޗެއް ނުހުންނާނެ، އެގޮތަށް އޮޕަރޭޓްކުރުމުން މުޅި ނެޓްވޯކް އަތުލައިގަންނަން ފުލުހުންނަށް ދުވަސް ނަގާނެ، އާންމުކޮށް މި އަތުލައިގަންނަނީ ކަނޑުމަތިން މަސްތުވާތަކެތި ބަލައިދާ ޓާސްކުގެ ގްރޫޕުގެ މީހުން. އެ މީހުންނަށް ވެސް މި އޮންނަނީ ކިޔައިދީފަ ކަލޭމެން ބަސްޓުވެއްޖިއްޔާ އެކަކު ޒިންމާވާށޭ." ވަކީލު ވިދާޅުވިއެވެ. އެ މީހާ ޒިންމާ ނެގުމުން ދެން ތިބި މީހުން ބަންދުން ވީއްލިގެން ނުވަތަ ދައުވާތައް ކޯޓުން ބޭރުކޮށްލައިފައި އެބަހުރި ކަމަށް ވަކީލު ވިދާޅުވިއެވެ. 2021 ވަނަ އަހަރު ފުލުހުން އަތުލައިގަތް ކިލޯއެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ކަން ހިނގައިފައިވަނީ އެގޮތަށް ކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިގެންނަ އިސްލާހުގެ ސަބަބުން ނެޓްވޯކުގެ އެންމެންގެ މައްޗަށް ކުށް ސާބިތުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ސަބަބެއް ކަމަށް ވަކީލު ވިދާޅުވީ ގިނަފަހަރު މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓުތައް ފުލުހުން އަތުލައިގަންނަނީ ރެޑް ހޭންޑުކޮށް ކަމަށް ވުމުން، އެ އެންމެންގެ އަތުން ވެސް މަސްތުވާތަކެތި އެއް އަދަދަކަށް ފެނުނު ކަމަށް ގާނޫނީ ނިޒާމަށް ގަބޫލުކުރެވިގެން ދިއުމެވެ.

"ކުރީގެ ގޮތުންނަނަމަ އެންމެން ލޯންޗުން ހައްޔަރުކުރުމުން ވެސް ކުރަން މިޖެހެނީ ތަފާތު ދައުވާތަކެއް، އެކަކު ބުނެފާނެ ތިމަންނައަކަށް ނޭނގެޔޭ، މީ މިކަހަލަ ކަމެއް ކަމެއް. ދެން އެ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު ވަކި ހިސާބަކުން ކުރިން މިބުނި ގޮތަށް ޖާމިނުވާނެ،" ވަކީލު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއެކު އެކަކު "ގުރުބާން ކުރުމާއި ޖާމިނުކޮށް" ދެންތިބި އެންމެން ސަލާމަތްވެގެންދާކަން މަތީ މަރުހަލާގެ ކޯޓުތަކަށް ފާހަގަވުމުން ހައި ކޯޓުން ވަނީ އެކަމަށް ހައްލެއް ހޯދައިދީފައެވެ. ހައި ކޯޓުގައި ކުރިއަށް ދިޔަ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ތުހުމަތުވާ އެންމެން ތިބީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްގެންނެވެ. އެ މައްސަލައިގެ ޝަރީއަތުގެ ތެރެއިން ތުހުމަތުވާ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެކެވެ. އެ ހެކިވެރިޔާގެ ހެކިބަހުގައި ބުނަނީ ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށެވެ. ދައުވާ ލިބޭ ފަރާތްތަކާ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އެ ހެކިވެރިޔާގެ ހެކިބަސް ގަބޫލު ނުކުރުމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ.

"ވާހަކަ ދައްކާފައިވާ ވަގުތާއި ހާލަތާއި އެކަމުގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ނަޒަރު ކުރުމެއް ނެތި ހަމައެކަނި އެ ބައެއްގެ ހިޔާޒަތުގެ ދަށުން އެ ތަކެތި ފެނުނު މީހުން އެ މަސްތުވާތަކެއްޗާ މެދު އުފުލަން ޖެހޭ ޒިންމާއިން ބަރީއަ ކރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ." ހުކުމުގައިވެއެވެ.

"އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތް ކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިއުތިރާފުވުމަކީ ކޮށްފާނެ ކަމެއް ކަމުގެ އިހްތިމާލު އޮތްއިރު އެ އިއުތިރާފަށް ބާރުދޭ އިތުރު ހެކިތަކެއް ނުދެއްކޭ ކަމަށްވާނަމަ އެފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެ." ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުންކުރި ހުކުމުގައިވެއެވެ.

"އެފަދަ ބަޔާންތަކަކީ ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނަކަށްވުމުގެ އިހްތިމާލު އޮވެދާނެތީ މިފަދަ ބަޔާންތައް ޝަރީއަތުން ގަބޫލު ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިއުތިރާފަށް ބާރު ލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭ އިތުރު ހެކިތަކެއް ހުރިކަން ކަށަވަރުކުރަން ވާނެ."

ހައި ކޯޓުގެ އެ ހުކުމާއެކު އެކަކު ގުރުބާންކޮށް ކުށުން ބަރީއަވުމުގެ ދޮރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މި މައްސަލައިގައި ދައުވާކުރި ފަރާތްތަކަށް ދަށު ކޯޓުގައި ކުށް ސާބިތުނުވާ ކަމަށް ނިންމީ ވެސް މަސްތުވާތަކެތީގެ ޒިންމާ ހެކިވެރިޔާ ނެގުމާ ގުޅިގެންނެވެ.

މި ރިޕޯޓަށް ވާހަކަދެއްކި އެހެން ވަކީލަކު ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އޭގެ ތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަދަށް ހުރީ ކަމުގައި ބެލެވޭނެ ކަމަށް އިސްލާހު ގެންނަން ހުށަހަޅައިފައިވަނީ މަތީ މަރުހަލާގެ ނިންމުންތަކަށް ވެސް ރިއާޔަތްކޮށްގެން ކަމަށެވެ.

އެ ވަކީލު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ އިސްލާހުތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމައިފައިވާ ނިންމުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާކަން އެނގޭ ކަމަށެވެ.

"އެއީ ވަރަށް ރަނގަޅަށް ކުރިކަމެއް. މަތީ މަރުހަލާގެ ނިންމުންތަކުގައި އޮއްޓަރު ހުންނާނެ. މަތީ މަރުހަލާއިން ހެކިތައް ބަލައިގަތީމަ އެނގޭނެ ދެން މި މައްސަލައަށް ބޭނުންވަނީ މި ހެކިތައްކަން. މިގޮތަށް ހެދީމަ ސާބިތުވާނެކަން. އެހެންވެ މީހަމަ ރަނގަޅަށް ކުރި ކަމެއް. ދެން ކޮންމެ ގޮތެއްވިޔަސް ތިމަންނައަށް ނޭނގެއާ ކިޔައި ދައްކާނެ އެހާބޮޑު ދިފާއެއް ނޯންނާނެތާ. އެއީ މަތީ ކޯޓުތަކުން ނިންމީމަ ފުލުހުންނާއި ޕީޖީއަށް ކޭސް ބިލްޑު ކުރަންވީ ގޮތް އެނގޭނެ. ތަހުގީގުގައި އުނިކަންތައް ނުކުރަންވެސް އެނގޭނެ." ވަކީލު ވިދާޅުވިއެވެ.

އެ އިސްލާހުތަކުގައި ވަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް އިތުރު ބާރުތަކެއް ދިނުމަށް ވެސް ނިންމައިފައެވެ. އެ ބާރުތަކުގެ ތެރެއިގައި އުޅަނދުތަކަށް އަރާ މީހުން ބަލައިފާސް ކުރުމާއި އުޅަނދުތައް ހިފެހެއްޓުމުގެ ކަންކަން ވަނީ ފަސޭހަކޮށްދީފައެވެ. އަދި ކަސްޓަމަސްއިން އުޅަނދެއް ބަލައިފާސްކުރިއިރު ބާރުގެ ބޭނުން ކުރެވޭނެ ހާލަތްތައް ވެސް ވަނީ ތަފުސީލު ކޮށްދީފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވިނަމަވެސް އެ މީހުންގެ މުދާތައް ދައުލަތަށް ނެގޭނެ ގޮތްތައް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އެންމެ ގިނައިން މައްސަލަަތަކުގައި މީހުން ދޫވަނީ ޗެއިން އޮފް ކަސްޓަޑީގައި ޖެހޭ މައްސަލަތކާ ގުޅިގެންކަން ހުކުމްތަކުން އެނގެއެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީގައި ހުންނަ ކުޑަކުޑަ އުނިކަމެއްގެ ސަބަބުން މުޅި މައްސަލަ ބޭރުކޮށްލިވެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭނަމަ ފުލުހުން ހާޒިރުކޮށް ހެކިބަސް ނަގައި، އެ ހެކިބަހަށް ރިއާޔަތްކޮށްގެން މައްސަލައިގެ ހުކުމަށް ވާސިލުވުމަށެވެ. އެހެންކަމުން ދެން ޗެއިން އޮފް ކަސްޓަޑީގައި ނަންބަރެއް ނެތުމުން، ވަގުތާއި ތާރީހު ނެތުން ފަދަ ކަމަކުން، ތުހުމަތުވާ ފަރާތްތަކަށް ކުށް ސާބިތު ނުވާ ކަމަށް ނިންމަން ދަތިވާނެއެވެ.

"އާ އިސްލާހުގެ ދަށުން ޓްރެފިކިން ދައުވާކުރިޔަސް ދެން އަނެއްހެން މާބޮޑު ކަމެއް ނުކުރެވޭނެ (ތުހުމަތުވާ ފަރާތަށް). އަމުދުން ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން އެއްކޮށް ގެއްލިގެން ނުދަނީސް." ވަކީލު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެންނަ މި އިސްލާހުތަކަކީ ފުލުހުން، ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް، އެޓާނީ ޖެނެރަލް ކަސްޓަމްސް، ހޯމް ލޭންޑް މިނިސްޓްރީ އަދިވެސް ކަމާބެހޭ އެހެން ފަރާތްތަކުން ވަރަށް ގިނަ ދުވަހު މަޝްވަރާކުރުމަށްފަހު ގެންނަން ހުށަހަޅައިފައިވާ އިސްލާހުތަކެކެވެ. މި އިސްލާހުތަކުގެ ސަބަބުން ޑްރަގް ޓްރެފިކްކުރާ މީހުނަށް ކުށުން ރެކިގެން ސަލާމަތްވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް މި ރިޕޯޓަށް މައުލޫމާތުދިން ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.

ކުރީގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ، ކުރީގެ އެޓާނީ ޖެނެރަލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ މަތީ މަރުހަލާގެ ނިންމުންތަކަށް ބިނާކޮށް ހުށަހަޅައިފައިވާ އިސްލާހުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އެފަދަ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދެއް ލިބިފައިވާތީ ގޯސް ހެދުމުގެ ފުރުސަތު ނޯންނާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ވަރަށް ގިނަ ރަށްރަށުގެ ކޯޓުތަކުން އަމުރެއް ބޭނުންވޭ. މިސާލަކަށް ފުލުހުން އަމުރެއް މި ހޯދީ ހިންމަފުށިން ބޮޑު ޝިޕްމެންޓެއް ތުލުސްދޫއަށް ގެންދާ ކަމަށް. މާލެއިން މިދާ އޮޕްސް (އޮޕަރޭޝަންސް) ޓީމުން މި ހޯދަނީ ހިންމަފުށި ކޯޓުގެ އަމުރެއް. ދެން ބަލަމާ ކޮންމެވެސް ސަބަބަކީ ހެދި ފުލުހުން އެ މީހުން އަތުލައިގަތީ ހިންމަފުށީގެ އިހުތިސޯސުން ބޭރުން ކަމަށް. ދެން މިވާ ގޮތަކީ އަމުރުގެ ބާރު ކެނޑެނީ. މިކަހަލަ ކަންކަމުގަ ރީޖަނަލް ނުވަތަ މުޅިރާއްޖެއަށް އިހުތިސޯސް ހިނގާފަދަ އަމުރެއް ނެރެން ޖެހޭނެ. މެޖިސްޓްރޭޓް ކޯޓުތަކަށް އެކަން ނުވެދާނެ. އެކަމަކު ހައި ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެހެން ހީވަނީ" އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ވަކީލު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ފުލުހުން ބުނެފައިވަނީ އެފަދަ ހާލަތްތަކުގައި ފުލުހުންނަށް އޮންނަނީ އެންމެ ގޮތެއް ކަމަށެވެ. އެއީ މަސްތުވާތަކެތި މުޖުތަމައަށް ދޫވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން އަމުރުގެ ބާރެއް ނެތަސް އުޅަނދުތަކަށް އަރައި މަސްތުވާތަކެތި އަތުލައިގަތުން ކަމަށެވެ. އެ ހާލަތުގައި މައްސަލައާ ގުޅިގެން ހައްޔަރުކުރާ މީހުން ދޫވުމަށްވުރެ ބޮޑަށް ފުލުހުން އިސްކަންދެނީ މަސްތުވާތަކެތި އަތުލައިގަތުމަށް ކަމަށެވެ.

ކޮންމެއަކަސް، ގާނޫނަށް މި ގެންނަ އިސްލާހުތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ފަސޭހަ ވެގެން ދާނެ އެވެ. ގާނޫނީ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟