ޝާހުރުކް ޚާން އަދި ޕްރީތީ ޒިންތާ ލީޑުން ފެނިގެންދިޔަ މަގުބޫލު ފިލްމު ވީރު-ޒާރާ، ވެސް އަލުން ސިނަމާތަކުގައި މާދަމާ އަޅުވާނެއެވެ.
ޔާޝް ރާޖް ފިލްމްސް ޕްރޮޑަކްޝަން ހައުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމު ބައިނަލްއަގުވާމީ ގޮތުން 600 ސްކްރީންގައި އަލުން ދައްކާނެއެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، އޮމާން އަދި ގަތަރުގައި ފުރަތަމަ ފަހަރަށް ދައްކާ ޕްރިމިއަތައްވެސް ހިމެނެއެވެ. މި ފިލްމު ސިނަމާތަކުގައި ދެއްކީ މީގެ 20 އަހަރު ކުރިން، 12 ނޮވެމްބަރ 2004 ގައެވެ.
ވީރު-ޒާރާ ޑައިރެކްޓްކޮށްފައި ވަނީ ޔާޝް ޗޯޕްރާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޭނާގެ ދަރިފުޅު އަދިތިޔާ ޗޯޕްރާ އެވެ. 20 އަހަރު ކުރީގެ މި ފިލްމަކީ އިންޑިއަން އެއާފޯސްގެ އޮފިސަރެއް ކަމުގައިވާ ވީރު ޕްރަތާޕް ސިންގާއި ޕާކިސްތާނު ސިޔާސީ މީހެއްގެ ދަރިއެއް ކަމުގައިވާ ޒާރާ ހަޔާތް ޚާންއާ ދެމެދު އޮންނަ ބޯޑަރު ހުރަސްކުރާ ލޯބީގެ ވާހަކައެކެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ކަމުގައިވާ ވީރު-ޒާރާއަކީ އެ އަހަރު އިންޑިއާގައި އަދި މުޅި ދުނިޔޭގައި އެންމެ ގިނަ އާމްދަނީ ލިބުނު އިންޑިއަން ފިލްމު ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ވައިއާރްއެފްގެ ބައިނަލްއަގުވާމީ ޑިސްޓްރިބިއުޝަންގެ ވައިސް ޕްރެޒިޑެންޓް ނެލްސަން ޑި'ސޫޒާ ބުނެފައިވަނީ ވީރު-ޒާރާ އަކީ މުޅި ދުނިޔޭގައި ކަލްޓް ފޮލޯވިންއެއް އޮތް ފިލްމެއް ކަމަށާއި، މި ފިލްމުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅި ދުނިޔޭގެ ފޭނުންނަށް މި އައިކޮނިކް ލަވްސްޓޯރީ އަލުން ބަލައިލުމުގެ ފުރުސަތު ދޭން ބޭނުންވާތީ އަލުން ދައްކަން ނިންމީ ކަމަށެވެ.
މި ފިލްމުގައި ރާނީ މުކަރްޖީ، އަމިތާބް ބައްޗަން، ހެމާ މާލިނީ، ދިވިޔާ ދައްތާ، ބޯމަން އިރާނީ، ކިރޮން ކެރް، އަނުޕަމް ކެރް، މަނޯޖް ބާޖްޕާއީ، އަދި ޒޮހްރާ ސެހްގަލް ވެސް މުހިންމު ރޯލުތަކުން ފެނެއެވެ.
މި ފިލްމުގެ ލަވަތަކުގެ ތެރޭގައި "ތޭރޭ ލިޔޭ"، "މައިން ޔަހާން ހޫން"، "ދޯ ޕަލް"، "އާޔާ ތޭރޭ ދަރް ޕަރް ދީވާނާ"، އަދި "އައިސާ ދޭސް ހައި މޭރާ" އަކީ މިހާރުވެސް ލޯބީގެ އައިކޮނިކް ލަވަތަކުގެ ތެރެއިން ލަވަތަކެކެވެ. ފިލްމުގެ މިއުޒިކް ބިނާވެފައިވަނީ މަރުވެފައިވާ މިއުޒިކް ޑައިރެކްޓަރު މަދަން މޯހަންގެ ޒަމާންވީ އަދި ކުރިން ބޭނުންނުކުރާ ކޮމްޕޮޒިޝަންތަކުގެ މައްޗަށެވެ. މި ކޮމްޕޮޒިޝަންތައް އޭނާގެ ދަރިފުޅު ސަންޖީވް ކޯލީ ވަހްލީ ވަނީ އަލުން ރިވައިޒްކޮށްފައެވެ.