މުނިފޫހިފިލުވުން

"އަންދާޒް އަޕްނާ އަޕްނާ" އަށް 30 އަހަރު: އަންނަ އަހަރު އަލުން ސިނަމާތަކަށް

"އަންދާޒް އަޕްނާ އަޕްނާ" އަށް 30 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން އެ ފިލްމު އަލުން ދައްކަން ފިލްމުގެ އުފެއްދުންތެރިން ނިންމައިފިއެވެ.

ޕްރޮޑިއުސަރު، މަރުހޫމް ވިނޭ ސިންހާގެ ދަރިފުޅު ޕްރީތީ ބުނިގޮތުގައި، މި ފިލްމު ވަނީ ޑިޖިޓަލައިޒްކޮށްފައެވެ. މިހާރު އެމީހުން ގެންދަނީ ފިލްމުގެ އަޑުގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރު ފިލްމު އަލުން ދައްކަން ފަށާނެ ތާރީހެއް ވަރަށް އަވަހަށް ކަނޑައަޅާނެކަމަށްވެއެވެ.

ސަލްމާން ހާން އަދި އާމިރު ހާން ފަދަ ތަރީން ކުޅެފައިވާ މި ފިލްމަކީ، ޕްރޮޑިއުސަރު ވިނޭ ފިލްމު ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނު ފިލްމެކެވެ.

"އަންދާޒް އަޕްނާ އަޕްނާ" އުފެއްދުމަށް ރޭވުނީ 1 ކްރޯޑް ރުޕީސް ބަޖެޓެއްގައި އެއް އަހަރު ދުވަހުގެ ތެރޭގައެވެ. ނަމަވެސް، ހުރިހާ ތަރީންނާއި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ އެހެން ފިލްމުތަކުގެ މަސައްކަތްތަކާ ގުޅިގެން ތާރީހުތައް ނުލިބުމުގެ ސަބަބުން އަދި އެހެނިހެން މައްސަލަތަކާ ހުރެ، ފިލްމު ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ނެގިއެވެ. އަދި ފަހުން ގާތްގަނޑަކަށް 3 ކްރޯޑު ރުޕީސްގެ ބަޖެޓެއްގައި ހަތަރު އަހަރާ ގާތްކުރާ މުއްދަތެއްގެ ތެރޭގައި ފިލްމު ނިންމުނެވެ.

ފިލްމު ރިލީސްކުރީ 1994 ވަނަ އަހަރުގެ ނޮވެމްބަރ 4 ވަނަ ދުވަހުއެވެ. ހުރިހާ ޑިސްޓްރިބިއުޓަރުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮންމެ ތަނެއްގައި ވެސް ފިލްމު ދައްކަމުން ދިޔައީ ހައުސްފުލް ކޮށެވެ. މަހާރާޝްޓްރާގައި މި ފިލްމު ޓެކްސް-ފްރީ ކުރެވުނެވެ. އޭރުގެ ބޮންބޭ ސިޓީ އާއި އެހެނިހެން ގިނަ ސިޓީތަކުގައި ސިލްވާ ޖުބުލީ ރަންއަށް ފިލްމު ދެއްކުނެވެ. ފިލްމަށް ކުރެވުނު އިންވެސްޓްމަންޓް ލިބުނީ ވަރަށް ލަހުން އަދި މަޑުމަޑުންނެވެ.

އަހަރުތަކެއް ވާންދެން މީހުން ހީކުރީ މި ފިލްމަކީ ފްލޮޕްވި ފިލްމެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި މިއީ އެވްރެޖް ހިޓެއް ލިބުނު ފިލްމެކެވެ. 8.50 ކްރޯޑު ރުޕީސް ފިލްމަށް ލިބުނެވެ. ފިލްމު ހިޓްވި ކަން ފިލްމު ވިޔަފާރީގައި އުޅޭ ގިނަ ބަޔަކު ކަށަވަރުކޮށްދިނެވެ.