އަބްދުﷲ ޖާބިރު

ޖާބިރު އިކޮނޮމިކް މިނިސްޓަރު ކަމަށް ގެންނަން ބޮޑު ކެމްޕޭނެއް

1

އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ގެންނަން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް ޖާބިރު ގެންނަން ކެމްޕޭން ފަށާފައިވާ އިރު، އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށް ޖާބިރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ޖާބިރު ކުރެއްވި ޓުވީޓުގެއްގައި ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގައި ޑޮލަރުގެ އަގު ވެސް ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށެވެ.

ޖާބިރު އިކޮނޮމިކް މިނިސްޓަރު ކަމަށް ގެންނަން ތާއީދުކޮށް ވާހަކައްދާފައިވާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެ ގޮތުން އެއްބޭފުޅަކު ކުރެއްވި ޓުވީޓެއްގައި ސައީދަށް އިކޮނޮމިކް މިނިސްޓަރުކަން ކުރެވެންޏާ ޖާބިރަށް ނުކުރެވެންވީ ކީއްވެތޯ ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެން ބޭފުޅަކު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މި ފެށޭ އާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް ޖާބިރަށް ފުރިހަމަ އަށް ތާއީދު ކުރާ ކަމަށާއި ސަރުކާރު ބަދަލުކުރަން ޖާބިރު ވީ ގުރުބާނީގެ އަގު ވަޒަންކުރަން ޖެހޭ ކަމަށެވެ. ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އިއްތިހާދު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވެސް ޖާބިރެވެ.

ޖާބިރު އިކޮނޮމިކް މިނިސްޓަރު ކަމަށް ގެންނަން އޭނާގެ ސަޕޯޓަރުން ތަކެއް މަސައްކަތް ފަށާފައިވާ އިރު، އެކަމާ ދެކޮޅަށް ވެސް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ފޭސްބުކުގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނީ ޖާބިރަކީ އިކޮނޮމިކް މިނިސްޓަރުކަން ދިނުމަށް ގާބިލް ބޭފުޅެއް ނޫން ކަމަށެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވާ ނަޒާހަތްތެރި ކެބިނެޓަށް ޖާބިރު ފިޓުނޫން ކަމަށް ކަމަށް ވެސް އިދިކޮޅަށް ވާހަކަދައްކަވާ ބައެއް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

ބިރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް ވެސް ތާއީދު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ވަކި ހިސާބަކުން ޖާބިރު ވަނީ ރައީސް ޔާމީނަށް ކުރަމުން އައި ތާއީދު އަނބުރާ ގެނެސްފައެވެ. އެއާއެކު ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޖާބިރު ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެކަމާ ގުޅިގެން ޖާބިރު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ބޭރުގެ ހިމާޔަތް ހޯއްދަވާފައެވެ.

އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟