ބޮލީވުޑްގެ ކިންގް ޚާން، ޝާހުރުކް ޚާން، އޭނާގެ އުފަންދުވަސް ކަމުގައިވާ ނޮވެމްބަރު 2 ގައި ބޭއްވި މީޓް-އެންޑް-ގްރީޓް އިވެންޓެއްގައި ފޭނުންނަށް ހައިރާންކުރުވަނިވި ހަބަރެއް ދީފިއެވެ. ގިނަ ދުވަސްތަކެއް ވާންދެން ސިނގިރެޓް ބޯ އާދައެއް ހުރިކަން އެކި ފަހަރު މަތީން ހާމަކޮށްފައިވާ މި އެކްޓަރު ވަނީ މިހާރު ސިނގެރެޓް ބުއިން ހުއްޓާލައިފިކަން ބުނެފައެވެ.
"އަހަރެން މިހާރު ސިނގިރެޓެއް ނުބޮމޭ، ރައްޓެހިންނޭ،" ޝާހު ހަފުލާގައި ތިބި މީހުންނަށް އިއުލާނުކުރިއެވެ. މިއާއެކު އެތަނުގައި ތިބި މީހުން އުފަލުން ހަޅޭލަވައި އަތްތިލަބަޑިޖެހިއެވެ.
2011 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި، ދުވާލަކު 100 ސިނގިރެޓް ބޮއި، 30 ތަށި ކޮފީ ބޯކަމަށް ޝާހު ވަނީ ބުނެފައެވެ. އަދި ގިނަފަހަރު ކެއުމާއި ފެންބުއިން ހަނދާން ނެތޭކަމަށްވެސް ބުނެފައިވެއެވެ.
"އަހަރެން އަމިއްލަ ނަފުސަށް ސަމާލުކަން ދޭ ވަރު މަދުވީ ވަރަކަށް، އަހަރެންނަށް ލިބޭ ސަމާލުކަންވެސް އިތުރުވޭ،" އޭނާ އިންޑިއާ ޓުޑޭއާއެކު ދެއްކި ވާހަކައެއްގައި މަޖަލަކަށް ހަދާފައި ބުންޏެވެ.
މަސައްކަތުގެ ދާއިރާއިން ބަލާއިރު، ޝާހު މިހާރު ގެންދަނީ އޭނާގެ ދެން އަންނަ އެކްޝަން ފިލްމު 'ކިންގް' އަށް ތައްޔާރުވަމުންނެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ސުޖޯއީ ގޯޝްއެވެ. މި ފިލްމުގައި އޭނާގެ ދަރިފުޅު ސުހާނާ ޚާންވެސް ބައިވެރިވާނެ އެވެ. މިއީ ދެބަފައިން ފުރަތަމަ ފަހަރަށް ފިލްމެއްގައި ފެނިގެންދާނެ ފަހަރެވެ.