އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަން ކުރެއްވުމަށް، ފުރުސަތާއި، އެހީތެރިކަމާއި އެއްބާރުލުން، ދިވެހި ރައްޔިތުން ކެތްތެރިކަމާއެކު ދެއްވުމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މައި ޖަގަހަ މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލީޝަންގައިވެސް ހިމެނޭ ޖޭޕީގެ ލީޑަރު ވިދާޅުވީ، މި ވޭތުވެދާ ދުވަސްތަކުގައި ރައްޔިތުން ކެތްތެރިވާން ޖެހޭ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެބަޖެހޭ ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ކެތްތެރިކަމާއެކީގަ، މި ވޭތިވެދާ ދުވަސްތަކުގައި، އަޅުގަނޑުމެންގެ ވެރިއަކަށްހުރި ބޭފުޅާގެ ވެރިކަން ކުރެއްވުމަށް ދޭންވީ ފުރުސަތާއި އެމަނިކުފާނަށް ދޭންވީ އެހީތެރިކަމާއި އެއްބާރުލުން ވަރަށްސާފުކޮށް ދީގެން ވަރަށް ސާބިތުކަމާއެކު ކުރިއަށްދާން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ގާނޫނީ ހަމަތަކުގެމަތިން ރައީސުލް ޖުމްހުރިއްޔާ ކުރައްވާ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ރައީސުލް ޖުމްހުރިއްޔާ، ގާނޫނީ ހަމަތަކުގެމަތިން ކުރައްވާ ކޮންމެ ކަމެއްގައި އެމަނިކުފާނަށް، ފުރިހަމައަށް، އެއްބާރުމާއި އެއްބައިވަންތަކަން ދީގެން ކުރިއަށްދާން. އަޅުގަނޑުގެ އަމިއްލަ ނަފްސުންވެސް އަނބިދަރިންވެސްއޭގަ ޝާމިލްވެގެންދާގޮތަށް އެހެންކަމުން މިކަމާމެދު އެއްވެސް ޝައްކެއް އަޅުގަނޑުމެން ނުކުރާނެ،"
ގާސިމް ވިދާޅުވީ، ފިތުނަ ފަސާދަ އުފައްދަން ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެކަމަށް ނުބައްލަވާނެ ކަމަށާއި، ރާއްޖޭގެ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނީ، ވާހަކަ ދެކެވި މަޝްވަރާ ކުރެވިގެން އޭގެ އެންގެ ރަނގަޅު ގޮތުގައިކަމަށެވެ.
"ފިތުނަ ފަސާދަ އުފައްދަން ކޮންމެ ވާހަކައެއް ކޮންމެ މީހަކު ދެއްކިޔަސް އޭއްޗެއްސެއް ނުވިކޭނެ އަޅުގަނޑުމެންނަކަށް. އަޅުގަނޑުމެންގެ ބޮލަކަށް އެ މޮހޮރެއްވެސް ނުޖެހޭނެ އެއްވެސް މީހަކަށް. އަދި ރާއްޖޭގައި ކުރިއަށް ކަންތައް ގެންދެވޭނެ ގޮތާއި ކަންތައްތައް ކުރިއެވުމަށް ވިސްނުމާއި މި ހުރިހާ ހިޔާލާތެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވި އަޅުގަނޑުމެންނަށް އޭގެ ތެރެއިން ފެންނަ އެންމެ ރަނގަޅު ގޮތަކަށް އަބަދުވެސް އަޅުގަނޑުމްނެ ކުރިއަށް ގެންދާނީ ރާއްޖޭގެ އިސްލާމް ދީނާއި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން މީހުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން،" ގާސިމް ވިދާޅުވިއެވެ.