ބޮލީވުޑް

އައިޝްގެ މީމްއާއެކު ވިވެކް އަށް ނޯޓިސް، ޓުވީޓު ޑިލީޓްކޮށް މާފަށް އެދެފި

ބަތަލާ އައިޝްވަރިޔާ ރާއީ (އައިޝް) އާ ގުޅުވައިގެން މީހަކު ހަދާފައިވާ މީމެއް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ބަތަލު ވިވެކް އޯބްރޯއީ ޓުވީޓު ކުރުމުން އޭނާއަށް ފާޑު ކިޔުން އަމާޒުވެ ނެޝަނަލް ކޮމިޝަން އޮފް ވިމެންގެ ފަރާތުން ނޯޓިސް ފޮނުވައިފިއެވެ.

ވިވެކް އަދި އަައިޝް ރައްޓެހިވެގެން އުޅުނީ 2000 ވަނަ އަހަރުގެ ކުރީކޮޅެވެ. އިންޑިއާގެ ލޮކް ސަބާ އިންތިހާބާ އައިޝްގެ ދިރިއުޅުމާ ގުޅުވައި ހަދާފައިވާ އެ މީމް ގައި ފުރަތަމަ ފެންނަނީ އައިޝް އަދި ސަލްމާން އާއެކު އިން ފޮޓޯ އެކެވެ. އެއަށްފަހު އައިޝް އަދި ވިވެކް އެކީ އިން ފޮޓޯ އެކެވެ. ދެން ހުރީ އައިޝް އޭނާގެ މިހާރުގެ ފިރިމީހާ އަބީޝެކް އަދި ހަތް އަހަރުގެ ދަރިފުޅު އަރާދްޔާ އާއެކު އިން ފޮޓޯއެކެވެ.

މި މީމް ވިވެކް ޓުވީޓު ކުރާއިރަށް މީސް މީޑިއާގައި މީހުންތައް ވަނީ އޭނާއަށް ފާޑު ކިޔައި ނުރުހުން ފާޅުކޮށްފައެވެ. ވިވެކް ވަނީ އޭނާ އެއްވެސް ގޯސްކަމެއް ނުކުރާކަމަށް ފުރަތަމަ ބުނެފައެވެ. އަދި އޭނާގެ ޓީމުން ވަނީ ވިވެކް ގެ ޓުވިޓާ ހެކްކުރި ކަމަށް ބުނެފައެވެ. ހާއްސަކޮށް މީމްގައި އަރާދްޔާ އިނުމުން ވިވެކްއަށް ލިބެމުންދިޔަ ނުރުހުން ވަނީ އިތުރު ވެފައެވެ.

ނެޝަނަލް ކޮމިޝަން އޮފް ވުމެން އިން ވަނީ މިކަމާ ގުޅިގެން އޭނާއަށް ނޯޓިސް ފޮނުވައި ޖަވާބުދާރީ ވުމަށް އެދިފައެވެ.

އަމާޒުވި ފާޑުކިޔުންތަކާ އެކު ރޭގައި ވިވެކް ވަނީ އޭނާ ކުރި ޓުވީޓު ޑިލީޓްކޮށް މާފަށް އެދިފައެވެ.

ވިވެކް ބުނެފައިވާ ގޮތުގައި "ބައެއް ފަހަރު އަމިއްލަ މަޖާ އެއްޗެއް ނުވަތަ ގެއްލުން ނުވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ނުވަތަ ކަމެއް އެހެން މީހުނަށް އެނޫން ގޮތަކަށް ހީވެގެން ދެއެވެ. މިދިޔަ 10 އަހަރު ހޭދަކުރީ އަންހެން ކުދިން ހޭލުންތެރިކުރުވުމަށް ކަމަށާއި އަންހެނަކަށް ނިސްބަތްކޮށް ޑިސްރެސްޕެކްޓްފުލް ވާން ހިތަށްވެސް ނާރާކަމަށެވެ"

މީގެ އިތުރުން ވިވެކް ކުރި އެހެން ޓުވީޓެއްގައި ބުނެފައިވަނީ އޭނާ އެ މީމް އަށް ކުރި ރިޕްލައި އިން އެއްވެސް އަންހެނަކު އޮފެންޑް ވެފައިވާނަމަ އެކަމާ މާފަށް އެދޭ ކަމަށާއި އެ ޓުވީޓު ވަނީ ޑިލީޓްކޮށްފައި ކަމަށެވެ.

ވިވެކް އެންމެ އަވަހަށް ދެން ފެނިގެން ދާނީ "ޕީއެމް ނަރެންދްރާ މޯދީ" ފިލްމުންނެވެ. ފިލްމު ރިލީސްކުރަނީ މެއި 24 ގައެވެ.