މުނިފޫހިފިލުވުން

ސިންގަމް އަގެއިން އަދި ބޫލް ބުލައްޔާ 3 ގެ އެންމެ އަގުބޮޑު ޓިކެޓްގެ އަގު އެނގޭތަ؟

މިއަހަރުގެ ދިވާލީ ދުވަހަށް ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ރޯހިތު ޝެޓީގެ ފުލުހުންގެ ޑްރާމާ "ސިންގަމް އަގެއިން" އަދި އަނީސް ބަޒްމީގެ ބިރުވެރި ކޮމެޑީ "ބޫލް ބުލައިޔާ 3" ގެ އެޑްވާންސް ބުކިން ފެށިއްޖެއެވެ. ނިއުސް 18 ގެ ރިޕޯޓެއްގައިވާ ގޮތުން، މުމްބާއީ އަދި ދިއްލީ ފަދަ ބޮޑެތި ސިޓީތަކުގައި ޓިކެޓްގެ އަގު 2,500 ރުޕީސްއަށްވުރެ މަތިވެއެވެ.

މުމްބާއީގެ މޭސަން ޕީވީއާރު: ޖިއޯ ވޯލްޑް ޑްރައިވްގައި "ބޫލް ބުލައިޔާ 3" އަދި "ސިންގަމް އަގެއިން" ގެ އެންމެ އަގުބޮޑު ޓިކެޓްތަކުގެ އަގު 2,700 ރުޕީސްއަށް އަރައެވެ. އަދި ދިއްލީގައިވެސް މާ ބޮޑު ތަފާތެއް ނެތެވެ. އެމްބިއެންސް މޯލްގެ ޕީވީއާރު ޑައިރެކްޓާސް ކަޓްގައި މި ދެ ފިލްމުގެ ޓިކެޓުގެ އަގު ހުރީ 2,400 ރުޕީސްގައެވެ.

އިންޑިއަން އެކްސްޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން، "ސިންގަމް އަގެއިން" ފިލްމު އަންނަ މަހު އެކެެއްގައި ރިލީސްކުރާ ދުވަހު އިންޑިއާގެ ބޮކްސް އޮފީހުން 35 މިލިއަން ރުޕީސް ހޯދާނެކަމަށް ލަފާކުރެވެއެވެ. އަދި ހަމަ އެދުވަހު "ބޫލް ބުލައިޔާ 3" އިންޑިއާގައި 25 މިލިއަން ރުޕީސް ހޯދާނެކަމަށް ލަފާކުރެއެވެ. ކާތިކް އާރިޔަން ފިލްމުގެ އެޑްވާންސް ބުކިން ކުރިން ފެށުނު ނަމަވެސް، ޕީވީއާރު އިނޮކްސް އަދި ސިނެޕޮލިސް ފަދަ ގައުމީ މަލްޓިޕްލެކްސް ޗެއިންތަކުން މި ދެ ފިލްމުގެ އެޑްވާންސް ބުކިން ފެށީ ބުދަ ދުވަހުގެ ހެނދުނު އެއްވަގުތެއްގައެވެ.

މި ހަފުތާގެ ދިވާލީއަށް ރިލީޒްކުރާ ދެ ފިލްމަކީވެސް ތިންވަނަ ބައިގެ ފިލްމުތަކެވެ. "ސިންގަމް އަގެއިން" އަކީ ރޯހިތު ޝެޓީ އަދި އަޖޭ ދޭވްގަންގެ ސިންގަމް ފްރެންޗައިޒްގެ ތިންވަނަ ބައެވެ. ފުރަތަމަ ބައި ރިލީޒްކުރީ 2011 ގައި ކަމުގައިވާއިރު، ކަރީނާ ކަޕޫރު ބައިވެރިވި ދެވަނަ ބައި ރިލީޒްކުރީ 2014 ގައެވެ. "ސިންގަމް އަގެއިން" ގައިވެސް ކަރީނާ އަޖޭގެ އަނބިމީހާގެ ރޯލު އަދާކުރާނެއެވެ. ރޯހިތު ފުލުހުންގެ ދުނިޔޭގެ ބައެއްގެ ގޮތުގައި، މި ފިލްމުގައި އަކްޝޭ ކުމާރު ސޫރިޔަވަންޝީގެ ގޮތުގައި، ރަންވީރު ސިން ސިމްބާގެ ގޮތުގައި، ދީޕިކާ ޕަދުކޯން "ލޭޑީ ސިންގަމް" ޝަކްތީ ޝެޓީގެ ގޮތުގައި ތައާރަފުކުރެވޭއިރު، ޓައިގަރ ޝްރޮފް، އަރްޖުން ކަޕޫރު، ރަވީ ކިޝަން، އަދި ޖެކީ ޝްރޮފް ފަދަ ގިނަ ތަރިން ބައިވެރިވެއެވެ. ރޯހިތު ޝެޓީ ޕިކްޗަރޒް އަދި ރިލަޔަންސް އެންޓަޓެއިންމަންޓުން އުފައްދާ "ސިންގަމް އަގެއިން" ލިޔެފައިވަނީ މިލާޕް ޒަވެރީއެވެ.

އަނެއްކޮޅުން، "ބޫލް ބުލައިޔާ 3" އަކީ 2007 ގައި ރިލީޒްކުރި ފްރެންޗައިޒްގެ ތިންވަނަ ބައެވެ. ވިދްޔާ ބަލަން އެ ފިލްމުން މަންޖުލިކާގެ ރޯލު އަލުން އަދާކުރާއިރު، ކާތިކް އާރިޔަން 2022 ގެ ބްލޮކްބަސްޓަރ ސީކުއަލް "ބޫލް ބުލައިޔާ 2" އިން ރޫހު ބާބާގެ ރޯލު އަލުން އަދާކުރާނެއެވެ. ސިނެ1 ސްޓޫޑިއޯސް އަދި ޓީ-ސީރީސްއިން އުފައްދާ "ބޫލް ބުލައިޔާ 3" ގައި މަދުރީ ދިކްޝިތް، ރާޖްޕާލް ޔާދަވް، ސަންޖޭ މިޝްރާ، އަދި ވިޖޭ ރާޒް ފަދަ ތަރިން ބައިވެރިވެއެވެ.