މުނިފޫހިފިލުވުން

ފިލްމު އަލްފާގައި އާލިއާ އަދި ޝަރުވަރީގެ މެންޓާއަކަށް ރިތިކް!

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޖާސޫސީ ދުނިޔެއަކީ އިންޑިއަން ސިނަމާގެ ވަރަށް މަޝްހޫރު އުފެއްދުންތަކަކަށް ވަނީ ވެފައިވެއެވެ. މިއީ އެންމެ ބޮޑެތި ތަރީން ބައިވެރިވާ ބްލޮކްބަސްޓާ ފިލްމުތަކުގެ ސިލްސިލާއެކެވެ. ސަލްމާން ޚާން، ކެޓްރީނާ ކައިފް، ރިތިކް ރޯޝަން، ޝާހުރުކް ޚާން، ދީޕިކާ ޕަދުކޯން، އަދި މިހާރު އާލިޔާ ބަޓް ފަދަ ތަރިން ސިއްރު އޭޖެންޓުންގެ ދައުރު އަދާކުރާ މި ފްރެންޗައިޒްއަކީ ފެށުނީއްސުރެ ގިނަ ބަޔަކަށް ކަމުދާ އުފެއްދުމަކަށް ވެފައިވެއެވެ.

"އެކް ތާ ޓައިގަރ"، "ޓައިގަރ ޒިންދާ ހައި"، "ވޯރ"، "ޕަތާން"، އަދި "ޓައިގަރ 3" ފަދަ ކާމިޔާބު ފިލްމުތަކެއް ނެރުމަށްފަހު، ވައިއާރްއެފްއިން މިހާރު ތައްޔާރުވަމުން އަންނަނީ އިތުރު ދެ ފިލްމަކާއެކު ޖާސޫސީ ދުނިޔެ ފުޅާކުރުމަށެވެ. އެއީ "ވޯރ 2" އާއި "އަލްފާ" އެވެ. "ވޯރ 2" ގައި ރިތިކް ރޯޝަން އޭނާގެ މަޝްހޫރު ދައުރު ކަމަށްވާ އޭޖެންޓް ކަބީރުގެ ރޯލު އަދާކުރާނެ އެވެ. އެންޓީއާރް ޖޫނިއާ ވެސް މުހިންމު ދައުރެއް އަދާކުރާނެ އެވެ. މި ފިލްމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާއިރު، ފިލްމުގެ އެންމެ ފަހުގެ އެކްޝަން މަންޒަރުތައް ނޮވެމްބަރު މެދުތެރޭގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، އެއަށްވުރެ ކުރިން، ފިލްމު "އަލްފާ" ގައި ރިތިކް މުހިންމު ދައުރެއް އަދާކުރުމަށް ހަމަޖެހިފައިވެއެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 9 ވަނަ ދުވަހު މުމްބާއީގައެވެ.

ޕިންކްވިލާގެ ރިޕޯޓުތަކުން ދައްކާގޮތުގައި، "އަލްފާ" ގައި ރިތިކްގެ ކެރެކްޓަރު ކަމަށްވާ ކަބީރު އާލިޔާ ބަޓް އަދި ޝަރުވަރީގެ މެންޓަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއީ ވައިއާރްއެފް ޖާސޫސީ ދުނިޔޭގައި އޭނާގެ ކެރެކްޓަރު އެހެން ފިލްމަކަށް ކްރޮސްއޯވާ ކުރާ ފުރަތަމަ ފަހަރެވެ. މި ރިޕޯޓުގައި ބުނެފައިވަނީ، "އޭޖެންޓް ކަބީރުގެ ގޮތުގައި ރިތިކް ރޯޝަން 'އަލްފާ' އަށް ކްރޮސްއޯވާ ކުރުމަށް ތައްޔާރުވެފައިވާ" ކަމަށެވެ.

ފިލްމު "އަލްފާ" އަކީ ހާއްސަ ފިލްމެކެވެ. ސަބަބަކީ މިއީ އަންހެނުން މައި ދައުރު އަދާކުރާ އެކްޝަން ފްރެންޗައިޒެއް ތައާރަފުކުރާ ފިލްމަކަށްވާތީއެވެ. ފިލްމުގެ ލީޑުން ފެނިގެންދާނީ އާލިޔާ އަދި ޝަރުވަރީ އެވެ. އަދިތިޔާ ޗޯޕްރާ އަދި ޑައިރެކްޓަރ ޝިވް ރަވައިލް ވަނީ ރިތިކަށް ފިލްމުގައި ދިގު ކެމިއޯއެއް ތައްޔާރުކޮށްފައެވެ. މި ކެމިއޯގައި ރިތިކްގެ ޖަޒުބާތާއި އޭޖެންޓް ކަބީރުގެ ލެގަސީއަށް އިހްތިރާމް އަދާކުރެވިފައިވެއެވެ.

ރިތިކްގެ ކެމިއޯއާ ގުޅިގެން ވައިއާރްއެފް ޓީމުގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވެއެވެ. އޭނާގެ ދައުރަށް ތައްޔާރުވުމުގެ ގޮތުން، ނޮވެމްބަރު 6 ވަނަ ދުވަހުން ފެށިގެން މުމްބާއީގައި ތަމްރީނުވެ ރިހާސަލް ކުރަން ފަށާނެއެވެ. އޭގެ ފަހުން 8 ދުވަހުގެ މުއްދަތަކަށް ޝޫޓިން ކުރިއަށްދާނެއެވެ.