ފިލްމު ނެރުނުތާ ގާތްގަނޑަކަށް 30 އަހަރު ފަހުން، ރާކޭޝް ރޯޝަން މިވަނީ ހަނދާންތައް އާކޮށްލުމަށް ތައްޔާރުވެފައެވެ. އެއީ ސަލްމާން ޚާން އާއި ޝާހުރުކް ޚާން އެކުގައި ފުރަތަމަ ފަހަރަށް ފެނުނު ފިލްމު އަލުން ދައްކަން ފެށުމަށެވެ. މި ފިލްމުގައި ރާކީ، ކާޖޮލް، މަމްތާ ކުލްކަރްނީ އަދި އަމްރިޝް ޕޫރީ ފަދަ ވަރުގަދަ ތަރީން އެކްޓްކޮށްފައިވެއެވެ. ރާކޭޝް ރޯޝަންގެ ހިޓް ލަވަތައް ހިމެނޭ "ކަރަން އަރްޖުން" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލުން ދައްކަން ފަށާނީ ނޮވެމްބަރު 22ގައެވެ.
ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ވަނީ މި ފިލްމުގެ ޓީޒާއާ އެކު މި އިއުލާން ހިއްސާކޮށްފައެވެ. އެއް މިނެޓުގެ މި ޓީޒާއިން ފިލްމުގެ އެކި މަންޒަރުތަކާއި ވާހަކަތަކުގެ ހަނދާންތައް އާކޮށްދެއެވެ.
ސަލްމާން އާއި ޝާޚް ފުރަތަމަ ފަހަރަށް އެއް ފިލްމެއްގައި އެއްބަނޑު އެއްބަފާ (ކަރަން އަދި އަރްޖުން) ގެ ރޯލަކުން ފެނުމަކީ އެ ޒަމާނަށް ބަލާފައި ރާކޭޝް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފިލްމަކީ ބްލޮކްބަސްޓާ ހިޓަކަށް ވެ، އެ އަހަރު އެންމެ ގިނައިން ފައިސާ ލިބުނު ފިލްމުތަކުގެ ތެރެއިން ފިލްމަކަށް ވިއެވެ. މި ފިލްމު 76 ސެންޓަރެއްގައި 50 ހަފުތާއަށް ދެއްކިއެވެ. އަދި 75 ވަނަ ހަފުތާގައި 26 ސެންޓަރެއްގައި ދެއްކިއެވެ.
އަހަރުތަކެއް ވާންދެން، "ކަރަން އަރްޖުން" ވަނީ މަޝްހޫރު ސަގާފަތުގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ގޮތެއްގައި ހިމެނިފައެވެ. އެއީ ފަސޭހައިން ހަނދާން ވާ ޑައިލޮގްތަކެއް ކަމަށްވާ "މެރޭ ކަރަން އަރްޖުން އާއެނގޭ"، "ބާގް އަރްޖުން ބާގް!" އަދި ރާކޭޝް ރޯޝަންގެ ހިތަށް ވަންނަ މިޔުޒިކާއެކު "ޔޭ ބަންދަން ތޯ..."، "ބަންގްޑާ ޕާލޭ"، "ރާނާޖީ މާފް ކަރްނާ" އަދި "ޖާތީ ހޫން މެއިން" ފަދަ ލަވަތަކާއި، އެއްބަނޑު އެއްބަފާކަމުގެ ލޯބީގެ ވާހަކަ ހިމެނޭތީއެވެ.