މުނިފޫހިފިލުވުން

ސުރްބީ އާއި ސުމިތު ކައިވެނިކޮށްފި

ސުރުބީ ޖޯތީ އާއި ސުމިތު ސޫރީ ކައިވެނިކޮށްފިއެވެ.

މި ދެ ތަރިން ކައިވެނިކުރީ އިއްޔެގެ ވަގުތެއްގައި އުއްތަރާކަންޑުގައި ހުރި ޖިމް ކޯބެޓް ރިސޯޓުގައި، ގާތް ރައްޓެހިންނާއި އާއިލާގެ މެންބަރުންގެ ހާޒިރުގައެވެ.

ސުރުބީ، އޭނާގެ އިންސްޓަގްރާމްގައި މި ކުޑަކުޑަ ރަސްމިއްޔާތުގެ ރަސްމީ ފޮޓޯތައް މިހާރު ހިއްސާކޮށްފައިވާ އިރު، ކައިވެނިކުރުމަށް އިހުތިޔާރު ކޮށްފައިވަނީ ހިންދޫ އާދަކާދައިގެ މަތިން ކުރާ ކައިވެނީގެ ރަސްމިއްޔާތެކެވެ.

ކައިވެނިކުރުމުގެ ކުރިން، ސުރުބީ ވަނީ ކައިވެނީގެ ކުރީގެ ހަފުލާތަކުގެ އެތައް ފޮޓޯއެއް ހިއްސާކޮށްފައެވެ. އެގޮތުން އޭގެ ކުރީ ދުވަހު ބޭއްވުނު ހަލްދީ އަދި މެހެންދީ ރަސްމިއްޔާތުތަކުގެ ގިނަ ފޮޓޯތަކެއް ފޭނުންނަށް ދައްކާލާފައިވެއެވެ. އެމީހުން ވަނީ ދޯލުގެ އަޑަށް ޑާންސްކުރަނިކޮށްވެސް ފެނިފައެވެ. ހަލްދީ ރަސްމިއްޔާތުގެ ފޮޓޯތައް ހިއްސާކުރަމުން އޭނާ ލިޔެފައިވަނީ، "ރީނދޫ ލޯބީގެ ވާހަކަ" އެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކައިވެނީގައި ތިމާވެއްޓާ ރައްޓެހި އަދި ހާއްސަ ގޮތްތަކެއް އެ ކައިވެނީގައި ހިމެނުނެވެ. މިއީ އެމީހުންގެ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމާއި ގުދުރަތަށް ކުރާ އިހުތިރާމު ދައްކުވައިދޭ ކަމެކެވެ. މި ޒަވާޖީ ޖޯޑު ކުރިން ރާވާފައި އޮތީ މިއަހަރުގެ މާރިޗު މަހު ކައިވެނިކުރުމަށެވެ. ނަމަވެސް ތަނާއި ތައްޔާރީތަކާ ގުޅޭ މައްސަލަތަކެއް ހުރުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ބަދަލުކުރަން ޖެހުނެވެ.

ސުރުބީ އާއި ސުމިތު ލޯބީގެ ގޮތުން ގުޅުނީ "ހާންޖީ - ދަ މެރިޖް މަންތްރާ" ނަމަކަށް ކިޔާ މިއުޒިކް ވީޑިއޯއެއްގައި އެކުގައި މަސައްކަތްކުރަމުން ދަނިކޮށެވެ.

މަސައްކަތުގެ ދާއިރާއިން ބަލާ އިރު، ސުރުބީ ވަނީ "ޤަބޫލް ހެއި"، "ނާގިން"، "އިޝްޤްބާޒް"، "ތަންހައިޔާން"، "ކޯއީ ލައުޓް ކޭ އާޔާޔާ ހައި" އަދި އެހެނިހެން ގިނަ ޓީވީ ޕްރޮގްރާމުތަކުގައި ބައިވެރިވެފައެވެ.