މުނިފޫހިފިލުވުން

"ޕަރަމް ސުންދަރީ"ގައި ސިދާތު އަދި ޖާންވީ

ތުޝާރު ޖަލޯޓާ ޑައިރެކްޓްކުރާ 'ޕަރަމް ސުންދަރީ' ކިޔާ ފިލްމެއްގައި ސިދާތް މަލޯތްރާ އާއި ޖާންވީ ކަޕޫރު ތަމްސީލުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިއީ މި ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ފިލްމަކީ ރޮމޭންޓިކް އެންޓަޓެއިނިން ފިލްމެކެވެ.

މިޑް ޑޭ ނޫހުގައި ބުނެފައިވާ ގޮތުގައި، މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ސިދާތުގެ ކެރެކްޓަރު ކަމުގައިވާ ދިއްލީގެ މުއްސަނދި ވިޔަފާރިވެރިއެއްގެ މައްޗަށެވެ. އަދި ޖާންވީ ތަމްސީލުކުރާނީ ކެރަލާގެ ޒަމާނީ އާޓިސްޓެއްގެ ދައުރެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ވާހަކައިން ދައްކުވައިދެނީ މި ދެ މީހުންގެ ތަފާތު ފަސްމަންޒަރާއި ޝަހުސިއްޔަތުތަކުން އެ ދެ މީހުން އެއްކޮށްލާ ގޮތެވެ. މި ފިލްމުން ފެންނާނީ އާންމުކޮށް ދެކޭ، އެއްކޮށް ނުގުޅޭ ދެ މީހުން އެއްކޮށްލެވޭ ކްލާސިކް ވާހަކައެކެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި 'ޕަރަމް ސުންދަރީ' ގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގައެވެ.

ފުރަތަމަ ޝެޑިއުލް ކުރިއަށްދާނީ ދިއްލީގައެވެ. މި ޝެޑިއުލްގައި ސިދާތު ބައިވެރިވާނެއެވެ. އޭގެ ފަހުން، ފިލްމުގެ ކްރޫ ކެރަލާއަށް ދާނީ އިތުރު މަންޒަރުތައް ނަގާށެވެ. ފަހަރެއްގައި ޖާންވީގެ ކެރެކްޓަރާ ގުޅޭ މަންޒަރުތައް ނަގާނީ މި ޝެޑިއުލްގައި ކަމަށް ލަފާކުރެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މުމްބާއީގައި ދެ ސެޓެއް ތައްޔާރުކުރުމަށް ވަނީ ރޭވިފައެވެ. ފުރަތަމަ ސެޓަކީ ދިއްލީގެ ތަނަވަސް ގެއެއްގެ ސެޓެވެ. ދެވަނަ ސެޓަކީ ކެރަލާގެ އާދަކާދައާ އެއްގޮތަށް ހަދާ، ގުދުރަތީ ރީތިކަން ފެންނަ ގެތަކުގެ ސެޓެކެވެ.

މީގެ ކުރިން ރިޕޯޓުތަކެއްގައި ބުނެފައިވަނީ ސިދާތާއި ޖާންވީ، ތުރިލާ ފިލްމެއްގައި އެކުގައި މަސައްކަތްކުރާ ވާހަކައެވެ. އެހެންނަމަވެސް، އެންމެ ފަހުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ސިދާތާއި ޖާންވީ ވަނީ 'ޕަރަމް ސުންދަރީ' ގައި އެ ދެ މީހުން ތަމްސީލުކުރާ ކެރެކްޓަރުތަކަށް ސްކްރީން ޓެސްޓުތަކެއް ހަދައިފައެވެ.

މަސައްކަތުގެ ރޮނގުން ބަލާ އިރު، ސިދާތު އެންމެ ފަހުން ފެނިފައިވަނީ 'ޔޯދާ' ފިލްމުގައެވެ. އަދި ޖާންވީ ފަހުން ފެނުނީ ޖޭއާރް އެންޓީއާރު އާއެކު 'ދެވަރާ' ފިލްމުގައެވެ. މި ފިލްމަށް ލިބުނު ރިވިއުތައް މެދުމިނުގައި ހުރި ނަމަވެސް، ފިލްމުން ފައިދާ ލިބޭ ވަރުގެ ވިޔަފާރިއެއް ކުރެވުނެވެ.