މުނިފޫހިފިލުވުން

ބޮޓޮކްސް ހަދާފައިވާ ކަމަށް ދައްކުވައިދޭ ދޮގު ވީޑިއޯއަކާ ގުޅިގެން އާލިޔާ ރުޅިގަދަވެއްޖެ

ކޮސްމެޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކާއި ރިޕޯޓުތަކަށް އާލިއާ ބަޓް ހިތްހަމަނުޖެހުންފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ބޮޓޮކްސް ހަދާފައިވާ ކަމަށް ބުނެ ކުއްލިއަކަށް ދައުރުވާން ފެށާފައިވާ ވީޑިއޯގައިވާ ކަންކަން އާލިއާ ވަނީ ދޮގުކޮށްފައެވެ.

އެއްފަރާތް ވާގިނެތިފައިވާކަމަށާއި ހިނިތުންވުން ވެސް މިހާރު އެހެން ގޮތަކަށް ހުންނަ ކަމަށާއި އަދި ވާހަކަދައްކާ ގޮތްވެސް ތަފާތު ވެފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކާ މެދު އާލިއާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާއަށް ފުރައްސާރަކުރާ މީހުންނަށް ފާޑުކިޔުމާއެކު، އެ ވީޑިއޯ އާއި އެކި މަޖައްލާތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކަކީ ޅަފުރައިގެ ކުދީންނަަށް އަސަރުކުރާ ފަދަ، މީހުންގެ ސިކުނޑިތަކަށް ނޭދެވޭ އަސަރުކުރުވާ އެއްޗެހި ކަމަށް ބުނެ އެކަންވެސް އޭނާ ހިއްސާކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.

އާލިއާއަށް ފުރައްސާރަކުރުމުގައި ބައިވެރިވާ އެހެން އަންހެނުންނަށްވެސް އޭނާ ފާޑުކިޔާފައިވެއެވެ.

"އެންމެ ހިތާމަހުރި ކަމަކީ މި ދޮގުތައް ފެތުރުމުގައި އެންމެ ބޮޑަށް ބައިވެރިވަނީ އަންހެނުންކަމަށް ވުން،" އާލިއާ ބުނެފައިވެއެވެ.