ޕީއެސްއެމް

އިކްރާމާއި ޚަލީލް ރަހުމަތްތެރިއަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް

މުހައްމަދު އައުޒަމް

1

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ރަހުމަތްތެރިއަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ބޭފުޅުން ނާޖާއިޒު ފައިދާ ހޯދައިދިނީ ގާތް އެކުވެރިއެއް ކަމަށްވާ ށ. ފޭދޫ، ދުނގެތިމާގެ، ފަޔާޒު ޔޫސުފަށެވެ. ފަޔާޒު މިހާރު ހުރީ ޕީއެސްއެމްގެ ނިއުސް ޑިރެކްޓަރުގެ މަގާމުގައެވެ.

އެ މައްސަލާގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ޕީއެސްއެމްގެ ވަޒީފާ ފަޔާޒަށް ދީފައި ވަނީ އިއުލާން ކުރުމެއް ނެތި އަދި އިންޓަވިއު ކުރުމެއް ވެސް ނެތި ކަމަށެވެ. އެ ވަޒީފާ އޭނާއަށް ދިނީ ވީމީޑިއާގައި އެ ދެ ބޭފުޅުންނާ އެކު އުޅުނު ގާތް ރަހުމަތްތެރިއަކަށް ވާތީ ރަހުމަތްތެރިއަކަށް ވަޒީފާ ދިނުމުގެ ގޮތުން ކަމަށް އެ މައްސަލާގައި ތުހުމަތުކޮށްފައިވެއެވެ.

އެ މައްސަލައިގެ އިތުރުން ޕީއެސްއެމްގެ ނިއުސް ޑިރެކްޓަރު ކަމުގެ މަގާމަށް ފަޔާޒު ހަމަޖައްސާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، އެކަން ތަހުގީގުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ ޕީއެސްއެމްގައި ހަމަޖެހިފައިވާ އުސޫލުގައި ނިއުސް ޑިރެކްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފަޔާޒުގެ ކިބައިގައި ނެތް ކަމަށެވެ. ނިއުސް ޑިރެކްޓަރަކީ ނިއުސް ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ކަމުގައިވާއިރު، ޑިޕާޓްމަންޓެއްގެ އިސްވެރިޔާގެ މަގާމުގެ ޝަރުތަކީ އެ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިޑިލް މެނޭޖްމަންޓުގައި 10 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ކަމަށް އެ މައްސާލާގައި ބުނެފައިވެއެވެ. ނަމަވެސް ފަޔަޒަކީ އެއިން އެއްވެސް ޝަރުތެއް ފުރިހަމަވާ މީހެއް ނޫން ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ.

ފަޔާޒަށް ގަވާއިދާ ޚިލާފަށް ވަޒީފާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގަވާއިދާ ޚިލާފަށް މަގާމުގެ ކުރިއެރުން ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކުރުމަށްފަހު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޚަލީލް އާއި އިކްރާމްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދިފައެވެ.

މީގެއިތުރުން ވެސް އިކްރާމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟